ޚަބަރު

ލ. އަތޮޅު ކަނޑުގެ އަޑިން ޑިންގީއެއް ފެނި ފުލުހުން ހަރަކާތްތެރިވަނީ


ލ އަތޮޅުގެ ސަރަހައްދަކުން ކަނޑުގެ އަޑިން ޑިންގީއެއް ފެނިގެން ފުލުހުން އެ ސަރަހައްދު ހޯދާ ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ޑިންގީ ކަނޑުގެ އަޑީގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ސަރަހަދަށް ފީނަން ދިޔަ ބައެކެވެ. ޑިންގީއެއް ފެނިގެން އެ ސަރަހައްދު ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިނަމަވެސް އިތުރު ތަފްސީލެއް އަދި އެ އިދާރާއަކުން ހާމައެއް ނުކުރެއެވެ. އަދި މި ޑިންގީ ފެނިފައިވަނީ ކިހާ ހިސާބަކުންކަމެއްވެސް އަދި ފުލުހުން ވިދާޅެއްނުވެއެވެ.

ލ އަތޮޅު ދަތުރުކުރި އެއްވެސް ޑިންގީއެއް ބަންޑުން ޖަހާލުމުގެ އެއްވެސް ހާދިސާއަށް މި އަހަރުގެ ތެރޭގައި އާއްމުވެފައެއް ނުވެއެވެ. އެެހެންނަމަވެސް ލ ފޮނަދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލި ހަދިސާއެއް 2019 އަހަރުގެ ފެބްރުއަރީމަހުގެ 22 ވަނދުވަހު ވަނީ ހިނގާފައެވެ.

މި ހާދިސާގައި އެ ޑިންގީ ދަތުރުކުރި ދެމީހުންގެ ތެރެއިން ގދ. ފިޔޯރީ، ޢުމުރުން 19 އަހަރުގެ މަރިޔަމް ޝިމާ ވަނީ ގެއްލިފައެވެ. އެނާ ހޯދަން ކުރި މަސައްކަތުން މިހާތަނަށް އެނާވެސް އަދި އެމީހުން ދަތުރުކުރިކަމަށް ބުނާ ޑިންގީވެސް ފެނިފައެއް ނުވެއެވެ.

ޝިމާ ގެއްލުނު ހާދިސާގައި އެނާއާއި އެކު ދަތުރުކުރި އިބްރާހިމް ފަޒީލް ވަނީ ސަލާމަތްވެފައެވެ. އޭނާ ވަނީ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާ އެކަން ރިޕޯޓްކޮށްފައެވެ. އަދި ޑިންގީ ބަންޑުން ޖަހާލީ ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަމުންދަނިކޮށް ޖެހި ރާޅަކާއެކުކަމަށްވެސް އެނާ ބުނެފައިވެއެވެ.

ޝިމާ ގެއްލުނު މައްސަލާގައި އޭނާއާއި އެކު ޑިންގީގައި ދަތުރުކުރަމުންދިޔަ ފަޒީލްގެ މައްޗައް ޝިމާގެ އާއިލާއިން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި މި މައްސަލާގައި ފަޒީލް ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެނގޭކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ފަޒީލް ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތްތައްވެސް ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާކަމަށެވެ.

ޝިމާ ގެއްލުނު މައްސަލައިގެ ތަޙުގީގުގައި 46 ފަރާތެއްގެ ބަޔާން ނަގާ، އެ ހުރިހާ މީހުން ދެއްކި ވާހަކަތަކުގެ ތެދު ދޮގު ބަލަމުންދާކަނަ ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ. މީގެއިތުރުން ގއ.އަތޮޅުގެ 2 ފަޅުރަށްވެސް ފުލުހުން ވަނީ ބަލާފައެވެ.

ޝިމާ ހޯދުމަށް 17 ރަށެއް ވަނީ ބަލާފައެވެ. އަދި 9 ސީސީޓީވީ ފުޓޭޖާއި، ވައިގެމަގުން 10 މޭލު ސަރަޙައްދާއި، 1900 އަކަކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއްވެސް ވަނީ ބަލާފައެވެ.