ޚަބަރު

އަދީބާއިއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ގާޒީގެ ސުވާލުތަކެއް ދައުލަތަށް


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތުހުުމަތުކުރެވޭ މައްސަލަތައް ތަހުޤީޤުކުރިއިރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުންވެފައިވާ އެއްބަސްވުންތަކާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ގިނަ ސުވާލުތަކެއް ދައުލަތާ އަމާޒުކޮށްފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާ ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އެ އެއްބަސްވުމުގައި ހުރި ގާނޫނީ ބައެއް ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައި އެވެ.

އެގޮތުން ދައުލަތުން އަދީބުއާ އެކު ވެފައިވާ ކުށަށް އިއުތިރާފުވުމާއި ތަހްގީގަށް އެއްބާރުލުން ދިނުމާ ބެހޭ ދެ އެއްބަސްވުންވެފައި ވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްތޯ ގާޒީ ވަނީ ސުވާލު ކުރައްވާފައި އެވެ. އަދި އެއީ ގާނޫނީ އެއްބަސް ބާރެއް ލިބިގެން ހެދި އެއްބަސްވުންތަކެއްތޯވެސް ގާޒީ ސުވާލު ކުރައްވަމުން ގެންދެވި އެވެ.

ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ޝަހުމާ ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބަޔާންކުރާ ކުށަށް އިއުތިރާފުވުމާ ބެހޭ އެއްބަސްވުމަށް ވާސިލްވުމަށް ދެ އެއްބަސްވުމެއް ހެދި ކަމަށެވެ. އަދި ތަޙުގީގު މަރުހަލާގައި އަދީބުއާ އެކު ހެދި ތަހްގީގަށް އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފުގެ އެއްބަސްވުންތަކަކީ އަދީބު ބޭނުންވެގެން އެދިގެން ހެދި އެއްބަސްވުންތަކެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އޭގެ އިތުރުން ވަކީލު ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ބުނާފަދަ ކުށަށް އިއިތުރާފުވުމާ ބެހޭ އެއްބަސްވުމެއް ހެދީ ތަހްގީގުމަރުހަލާގައި ހެދި ދެ އެއްބަސްވުމަށް ފަހު ކަމަށެވެ.

އަދީބު ވިދާޅުވި ގޮތުގައި އެ އެއްބަސްވުންތައް ހެދީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހުންނެވިއިރު ކަމަށާއި އެކަމުގައި ވާހަކަ ދައްކަމުން ގެންދެވީ ބިޝާމްގެ އިތުރުން ފުލުހުންގެ އޮފިސަރެކެވެ.

އެފަދަ އެއްބަސްވުންތަކެއް ހަދަން ޖެހުނީ ބޭސްފަރުވާއަށް ދެވެން އޮތީ އެފަދަ އެއްބަސްވުންތަކެއް އޮތުމުން ކަމަށް ޕީޖީއާ ފުލުހުންވެސް އޭރު ވިދާޅުވުމުން ކަމަށް އަދީބު ވިދާޅުވި އެވެ. އެހެން ނަމަވެސް ދެ ވަނަ އެއްބަސްވުމެއްގައި ފުރަތަމަ އެއްބަސްވުމުގައި ހުރި ކަންކަން ތަފާތުވެގެން އަންނަން ޖެހުނީ ކީއްވެކަން ސާފުނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ފޮނުވާނެ ކަމަށް ޝަރުތުކުރެވޭ ގޮތައް އެފަދަ އެއްބަސްވުންތައް އެކުލަވާލެވިދާނެތޯ ސުވާލު ކުރެއްވި އެވެ. އަދި ސިޔާސީ ނުފޫޒު ވަދެފައިވާ ތަޙުގީގުތަކަށް ބަލައި ދައުވާކޮށްފައިވާ މައްސަލަތަކެއް ކަމަށްބުނެ އަދީބުގެ މައްޗަށް ދައުވާ ކުރި މައްސަލަތައް ކޯޓުން ބާތިލްކުރުމުން ވެސް އަލުން އެ މައްސަލަތައް ހަމަ އެއް ފުލުހުން ލައްވާ ތަހްގީގުކުރުން އެއީ އެންމެ ރަނގަޅުގޮތްތޯވެސް ދައުލަތާ ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލަތައް ކޯޓުން މީގެ ކުރިން ބާތިލް ކުރީ ވަކި ފުލުހުންތަކެއްގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލައެއްގައި ނޫން ކަމަށާއި އަދި މިހާރު އަދީބުގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ޕީޖީ އޮފީސް ގުޅިގެން ހިންގި ތަހްގީގުތަކަށްފަހު ކަމަށެވެ.

އެއްބަސްވުމެއް އަދީބުއާއެކު އޮތުމުން ދައުލަތުން ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ކިހިނެތްތޯ ސާފުކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައި އެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ އެއްބަސްވުންތަކާ ގުޅޭ ގޮތުން ކަންކަން ސާފުކުރަން ޖެހުނީ އަދީބު ތަހްގީގަށް ދީފައިވާ ބަޔާންތަކުގައި އެ ބަޔާންތައް އެގޮތައް ދެނީ އެއްބަސްވުމެއް ދަށުން ކަމަށް ވިދާޅުވެފައި ހުންނާތީ ކަމަށެވެ. އަދި ޝަރީއަތުން ކުރިއަށްދާނީ އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ނިންމުމަށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށްފަހު ކަމަށްވިދާޅުވެ ގާޒީ އަޑުއެހުން ނިންމާލެއްވި އެވެ.

އަދީބުގެ މައްޗަށް ދައުވާކުރާ މި މައްސަލަތަކުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.