ކުޅިވަރު

މެސީ އަރާމުކުރަން ވަގުތު ނުދެވެނީ ގިނަ ގޯލުތަކެއް ނުޖެހޭތީ - ކީކޭ ސެޓިއެން


ކެޕްޓަން ލަޔޮނަލް މެސީ އަރާމުކުރަން ވަގުތު ނުދެވެނީ ބާސެލޯނާ އަށް ގިނަ ގޯލުތަކެއް ނުޖެހޭތީ ކަމަށް ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

އޭނާ މިހެން ބުނީ ކޮވިޑް19 އަށް ފަހު ބާސެލޯނާ މިހާތަނަށް ކުޅުނު ހަ މެޗުގައި ވެސް ފުލްކޮށް ކުޅުނު ހަމައެކަނި ކުޅުންތެރިއަކީ މެސީ ކަމަށްވުމުން ނޫސްވެރިން އެކަމާ ސުވާލު ކުރުމުންނެވެ.

ސެޓިއެންބުނީ މުޅި ޓީމުވެސް ވަރުބަލި ކަމަށާއި ނަމަވެސް ނަތީޖާގެ ފަރަގު ކުޑަކަމުން މެސީއަށް އަރާމުކުރަން ފުރުސަތު ދެވެން ނެތީކަމަށެވެ. އަދި އޭނާއަށް އެފުރުސަތުދޭން ބޭނުންވާކަމަށާއި، ނަމަވެސް ފުރަތަމަ ހާފުގެތެރޭގައި ދޭއް ނުވަތަ ތިންގޯލު ޖެހިގެންނޫނީ އެފުރުސަތު ދެވެން ނެތްކަމަށް ސެޓިއެން ބުންޏެވެ.

އަރްތޫރޯ ވިދާލް ޖެހި ހަމައެކަނި ގޯލުން ރެއާލް ވަލަޑޮލިޑް އަތުން ރޭ ބާސެލޯނާ މޮޅުވި ނަމަވެސް ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ރޭހުގައި އެޓީމަށް އަމިއްލަ ބާރެއް މިހާރު ނެތެވެ. އެއީ އެއްވަނާގައިވާ ރެއާލް މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައި އޮންނަން ޖެހޭތީއެވެ.

ސެޓިއެންބުނީ ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހުމުން ޓީމު ވަރުބަލިވެ، ރޭގެ މެޗުގައި ވެސް ފަހަތަށް ޖެހުނު ކަމަށެވެ.
ސެޓިއެން ބުނީ ރޭގެ މެޗުގައި ލުއިސް ސުއަރޭޒް ބެންޗުގައި ބައިންދައިގެން މެޗު ފެށީ އުރުގުއޭގެ ފޯވަޑް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ސެޓިއެންބުނީ ސުއަރޭޒްވަނީ ކައިރިކައިރީގައި ފަސްމެޗު ކުޅެދީފައި ކަމަށާއި އެހެންކަމުން އޭނާ އަރާމުކުރަން ވަގުތު ބޭނުންވީކަމަށެވެ.

ނަމަވެސް ފުރަތަމަ ހާފަށްފަހު ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން ބަދަލުކުރީ އަނިޔާވެގެން އޭނާ އަމިއްލައަށް ބަދަލުކުރަން އެދުމުން ކަމަށް ސެޓިއެންބުންޏެވެ. ސެޓިއެންބުނީ ގްރީޒްމަންގެ އަނިޔާއާއިމެދު އަދި އެއްޗެށް ބުނަން ނޭންގޭ ކަމަށާއި ޓެސްޓުތަކުގެ ނަތީޖާ އަންނަގޮތަކުން ކުރިއަށްހުރި މެޗުތަކުގައި އޭނާ ނުފެނިދާނެކަމަށެވެ.