ޚަބަރު

ތައުލީމުގެ ބިލަށް ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ


ތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިރޭ މަޖިލީހުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ އާއިމާރާތުގެ 4 ވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 އެވެ. މިބިލަކީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ބިލެކެވެ. ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާގެ މަސައްކަތުގެ ބޮޑުބައެއްވެސް ވަނީ ނިންމާފައެވެ.

ބިލު ދިރާސާ ކުރާ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ޓީޗާ ލައިސަންސް މުހިއްމު ކަމަށެވެ. ކިޔަވާ ދިނުމުގެ ފެންވަރު ދެމެހެއްޓޭނީ ރަނގަޅު ފެންވަރުގެ ޓީޗަރުން ގެނެސްގެންނެވެ. އެ ފެންވަރު ދެމެހެއްޓުމަށްޓަކައި، ޓީޗަރުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހޭ ކަމަށް ވިދާޅުވިޔަސް އެ އެންމެންނަކީ އެ ފެންވަރަށް ތައުލީމު ހާސިލް ކޮށްފައި ތިބި ބައެއް ނޫން ކަމަށް އާއިޝަތު އަލީ ވިދާޅުވިއެވެ. ހާލަތު ހުރި ގޮތުން ވަގުތީ ޓީޗަރުން ބޭނުންކުރަން ޖެހޭތީ އެ ކަހަލަ ގޮތަކަށް ބިލް ފަރުމާ ކޮށްދިނުމަށް މިނިސްޓަރުވަނީ އެދިވަޑައިގެންފައެވެ.

ތައުލީމާ ބެހޭ ޤާނޫނަކީ، "މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން" އުނގެނުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އެއްޗަކަށް ވާތީ، އެ ޤާނޫނުގެ ތެރެއަށް ޕްރީ ސްކޫލުގެ ޤާނޫނާއި މަތީ ތައުލީމުގެ ޤާނޫނު ވެއްދުމަށް ވެސް މިނިސްޓަރ ވަނީ ބާރުއަޅުއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކިޔަވައިދޭ މީހުންގެ ހައްގުތައް ނެތުމުން، ޤާނޫނުގެ ތެރެއިން އެކަމަށް ހައްލެއް ނުވާނެ ކަމަށާއި ޓީޗަރުންނަށް ދޭން ބޭނުންވާ އިނާޔަތްތައް ވެސް އެ ބިލުގައި ހިމެނުމަކީ މުހިންމުކަމެއްކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު މަޖިލީހަށް ހުށަހެޅި ތައުލީމާ ބެހޭ ބިލުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދަންޖެހެއެވެ. އަދި އެކަމަށް ޚާއްސަކޮށްގެން "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެއެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.