ޚަބަރު

ދުވާފަރުން ބަޔަކު ޕޮޒިޓިވްވުމުން ރަށަށް އަރާ ފޭބުން މަނާކޮށްފި


ރ ދުވާފަރުގައި ހޯމް ކަރަންޓީންކުރުމަށްފަހު ދޫކޮށްލި ބަޔަކު އަލުން ބައްޔަށް ޕޮޒިޓިްވުމުން އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.
ހޯމް ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޓެސްޓް ހަދާ ސާމްޕަލް ނެގެޓިވްވުމުން ދޫކޮށްލިފަހުން އަލުން ޕޮޒިޓިވް ވެފައިވަނީ 3 މީހެކެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށް ގޮސް ހޯމް ކަރަންޓީނަށް ދިޔަ 11 މީހެއްގެ މުއްދަތު ހަމަވުމުން އެމީހުން ސާމްޕަލްތައް ނަގާ ނެގެޓިވްވުމުން މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން 4 މީހަކު އަލުން ޓެސްޓް ހެދިއިރު 3 މީހަކު ކޯވިޑަށް ޕޮޒިޓިްވެފައިވާކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

މި މީހުން ރަށުގެ ގިނަ ބަޔަކާއި ކޮންޓެކްޓްވެފައިވުމުން އެމީހުން ހޯދާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ދުވާފަރުން ބަޔަކު ޕޮޒިޓިވްވުމުން އެޗްޕީއޭއިން ވަނީ އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން އެރަށް އަރާ ފޭބުމުން މަނާކޮށް ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ޕޮޒިޓިވް މީހުންވަނީ ކަރަންޓީނުކޮށްފައެވެ.

އެޗްޕީއޭގެ މި އެންގުމާއި އެކު ދުވާފަރުގެ ޓާސްކްފޯސްއިން ވަނީ އާއްމު ތަންތަނުގައި އެއްވެ އުޅުމާއި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކެފޭ ރެސްޓްރަންޓްތަކުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. މީގެއިތުރުން ފިހާރަތަކުން ވިޔަފާރި ކުރެވޭނީވެސް ރަށު ކައުންސިލުން ކަނޑައަޅާ އުސޫލްތަކެއް ދަށުންކަމަށް ޓާސްކްފޯސް އިން ވަނީ ނިންމާފައެވެ.