ޚަބަރު

ކެލާ ބަނދަރު: ދިގު އިންތިޒާރެއްގެ ފޮނި ނިމުމެއް


ދެހާހަށްވުރެ ގިނަ މީހުން ކެލާގައި ދިރިއުޅޭއިރު، ކުރިން އެ ރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާ އެ ރަށުގައި ދުއްވާ ކަނޑު އުޅަނދު ފަހަރާ އަޅާބަލާއިރު، ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު ކުރަމުންނެވެ.

މި މައްސަލަ ހައްލުކުރުމަށް ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ 2015 ވަނަ އަހަރުގެ ޖޫން މަހު ހަވާލުކުރިއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އިރުމަތީ ފަރާތުން 450 ފޫޓު ދިގުކޮށް، ފުޅާމިން 300 ފޫޓަށް ބޮޑުކުރިއެވެ. މިއާއެކު ކެލާ ބަނދަރަކީ 750 ފޫޓު ދިގު އަދި 300 ފޫޓް ފުޅާ ތަނަވަސް ބަނދަރަކަށް ވެގެންދިޔައެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖަހަމުންދިޔަ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ނިގެންގޮސް ހުއްޓާލަން ޖެހުނެވެ. އަދި ކެލާ ރައްޔިތުން ޒަމާނީ ބޮޑު ބަނދަރަކަށް ކުރި އިންތިޒާރު ދިގުލައިގެންދިޔައެވެ.


މިދިގު އިންތިޒާރުގެ ނިމޭ ކޮޅުމަތި ފެނިގެންދިޔައީ، ކެލާ ބަނދަރުގެ ދެވަނަ ދިޔަވަހީގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައިސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި 30 ޖޫން 2019ގައި ހަވާލުކުރުމުންނެވެ. އެގޮތުން މި މަސައްކަތް ފެށުމަށް އެއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެމްޓީސީސީއިން ވަނީ އެކަމަށް ބޭނުންވާ ސާމާނާއި އާލާތްތައް އެރަށަށް ގެންގޮސް މަސައްކަތް ފަށާފައެވެ

މީގެ ކުރިން އެ މަސައްކަތް ހުއްޓާލަން ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށްވުމުން އެމްޓީސީސީން އަލުން މަސައްކަތް ފެށީ ބަނދަރުގެ ނުނިމިހުރި މަސައްކަތްތަކުގެ ތަފްޞީލާއި ރައްޔިތުންގެ ޚިޔާލުހޯދުމަށް ފަހުގައެވެ.

އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމުން ކޯވިޑް-19ގެ ހާލަތުގައިވެސް ހުއްޓުމެއްނެތި އެކުންފުނިން ވަނީ މި މަސައްކަތް ކުރިއަށް ގެންގޮސް 9 ޖުލައި 2020 ގައި ނިމާލާފައެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12,768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 30 މީޓަރު ބޭރު ތޮއްޓެއް ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ހިންގާފައިވެއެވެ.

މިއާއެކު ކެލާ ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުމެއް އައީއެވެ. ރަށަށް އަރައި ފޭބުމުގައި އިތުރު ފަސޭހަތަކެއް ލިބުނީއެވެ.