ދިވެހިންގެ ތެރޭގައި ކޯވިޑް-19 ފެތުރޭވަރު އިތުރުވާނަމަ ރާއްޖެއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތުއެބައޮތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ހެޑް ޑރ. އަލީ ލަޠީފް ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގައި ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ވޭތުވެދިޔަ 2 ދުވަހުވެސް ޕޮޒިޓިވް ދިވެހިންގެ އަދަދު އުޅެނީ ސާޅީހުން މަތީގައެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމާއެކު ބޭރުގައި އުޅޭ ދިވެހިން އިތުރުވެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދޭ މިންވަރު މަދުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ދިވެހިން ޕޮޒިޓިވްވާ މިންވަރު އިތުރުވުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ގިނައިން މަގުމަތީގައި އުޅޭނަމަ ގެތަކުގައި ބަލި ފެތުރިގެންދާނެކަމަށާއި އެގޮތަށް ދިމަވާނަމަ ނޭނގި ނަމަވެސް ގޭގަތިބޭ އުމުރުން ދުވަސްވީ މީހުންނާއި، ބަލި މީހުންނާއި ކުޑަކުދިންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
ތަފާސް ހިސާބުތަކަށްބަލާއިރު ކޯވިޑް-19 ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަދު މިހާރު އިތުރުވަމުންދާކަން ފާހަގަކުރައްވައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖޫންމަހުގެ ފަހު ހަފްތާގައި 4 ޕަސެންޓް މީހުންނަށް އެޑްމިޓްކޮށް ފަރުވާދިން ނަމަވެސް މި ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި އެއަދަދު 15 އިންސައްތައަށް އިތުރުވެފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
"އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ފުދޭވަރަކަށް ގިނަ ތަފާތު ބަލިތައް. ބިދޭސީންނަށް މިބަލި ޖެހިގެންދިޔައިރު އެހާ ކަންބޮޑުނުވާން ޖެހޭ ސަބަބަކީ އެމީހުންގެ އުމުރު ވަރަށްޅަ. އެކަމަކު ދިވެހިންގެ ތެރޭގައި ވަރަށް ގިނަ ޅައުމުރުގައިވެސް ތަފާތު ބަލިތައް ހުންނަ މީހުން. ގާތްގަނޑަކަށް 40 އަހަރުގެ މީހުންގެ އެބަހުރޭ ހަކުރުބައްޔާއި ހިތުގެ މައްސަލަތައްވެސް، އެހެންވީމަ ދިވެހިންގެ ތެރޭގައި ބަލި ފެތުރިގެން ހިނގައްޖެނަމަ ޗާންސަސް މާ ބޮޑު ނުރައްކާތެރިކަމެއް ދިމާވެގެން ނިޔާވުން. އެހެންވީމަ މީ ވަރަށް ބޮޑަށް ބަލަންޖެހޭ ކަމެއް" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދުވެސް މިދުވަސްކޮޅު އިތުރުވެފައިވާކަން ފާހަގަކުރައްވައި ޑރ.ޢަލީ ލަޠީފް ވިދާޅުވީ ބަލިން ރައްކާތެރިވެތިބުމަށް ސިއްޙީ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދުތަކަށް ތަބާވެ ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި ނޫނީ ގެއިން ބޭރަށްގޮސް ނުހެދުމަށާއި، ގައިދުރުކަން އިޚްތިޔާރުކުރުމާއެކު މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.