ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދުވެސް ސާޅީހުން މަތީގައި


ރާއްޖެއިން ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދުވެސް ސާޅީހުން މަތިކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވްވި 47 މީހުންގެ ތެރެއިން 43 މީހުންނަކީ ދިވެހިން ކަމަށެވެ. މިއަދު ޕޮޒިޓިވްވި 4 ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،664އަށް އިތުރުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 2،268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ރަނގަޅުވެފައިވަނީ 30 މީހުންނެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 368 މީހުންނެވެ. މި ބަލީގައި ރާޢްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 13 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 97 މީހަކު ތިބިއިރު އައިސޮލޭޝަންގައި 330 މީހުން އެބަތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ފުރަބަންދަށް ލުއި ދިންފަހުން މި ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވަމުންދާކަން އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.