ޚަބަރު

11 އަހަރުގެ އަންހެންކުއްޖާ ރޭޕްކުރި މައްސަލާގައި އަނީސްގެ މައްޗަށް 3 ދަޢުވާއެއް


11 އަހަރުގެ އަންހެންކުއްޖާ ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ އަނީސް ޙިލްމީގެ މައްޗަށް 3 ދަޢުވާއެއް ކުރުމަށް ކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް، އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާއި، އެމައްސަލައާ ގުޅިގެން އަނީސް ޙިލްމީގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީ އެ މައްސަލާގައި ދަޢުވާތައްކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި ދައުވާތައް ސާބިތު ވެއްޖެނަމަ އަނީސް ހިލްމީއަށް މަދުވެގެން 20 އަހަރާއި 36 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މީގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދު ޖަލު ޙުކުމެކެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މީގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެގެ ގޮތުގައި 1 މަހާއި 6 ދުވަސް ޖަލު ޙުކުމެއް އޭނާއަށް އަންނާނެއެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މި މައްސަލަ އިޚްލާޞްތެރިކަމާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި މިފަދަ ކުށް ކުރުމަށްފަހު ސަލާމަތްނުވެވޭނެކަން އެނގެންޖެހޭނެ ކަމަށެވެ.

އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު އޭނަގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ކޯޓުގައި ޕްރޮސެކިއުޓާ ޖެނަރަލް އެދިވަޑައިގެންނެވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ޕީޖީގެ އަރިހުން އެދިވަޑައިގެންނެވުމުންނެވެ.

މި މައްސަލަ ތަޙްޤީޤުކޮސް ޝަރީއަތަށް ފޮނުވާފައި މިވަނީ 1 މަސްދުވަހުގެ ތެރޭގައެވެ.

އެގާރަ އަހަރުގެ ކުއްޖާ ރޭޕްކޮށްފައިވަނީ ގްރޫމްކޮށްގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ފަދަ މައްސަލަތަކަށް ދޭނީ ޒީރޯ ޓޮލަރެންސްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު ފުލުހުން ވަނީ މި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީޤުތަކެއް ކުރައްވާނެކަން ހާމަކުރައްވާފައެވެ.