ޚަބަރު

އިތުރު 200 ބިދޭސީން މިއަދު ޤައުމަށް ފޮނުވާލާއިފި


ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އިތުރު 200 މީހުން މިއަދު އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިއަދު މޯލްޑިވިއަންގެ ފްލައިޓުން ޤައުމަށް ފޮނުވާލާފައި ވަނީ މުޅިންވެސް ބަނގުލަދޭާޝްގެ މީހުންނެވެ.

ސަރުކާރުންވަނީ މިމަހުން ފެށިގެން ކޮންމެ ހަފްތާއަކު 400 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާނެކަން ކުރިން ހާމަކުރައްވާފައެވެ.

ބަންގްލަދޭޝް ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކެއްގެ ދަށުން މިމަހުގެ ހޯމަ ދުވަހަށްފަހު މިއަދު ވަނީ އިތުރު 200 މީހުން އަނބުރާ ފޮނުވާލާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުން އަންނަ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން މިހާތަނަށް ތިންހާހަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން އަނބުރާ ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް ސަރުކާރުން އަންނަނީ އެފުރުސަތު ފަހިކޮށް ދެއްވަމުންނެވެ.

ރާއްޖެއިން ފޮނުވާލާ މީހުންގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ބިދޭސީން ނިސްބަތް ވަނީ ބަނގުލަދޭޝްއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުންވެސް އިންޑިއާ ސްރީލަންކާ އިންޑިއާ އަދި ނޭޕާލްގެ ރައްޔިތުން ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވޯކް ވިސާ އާއި ނުލާ ދިރިއުޅެމުންދާ 5000 ބިދޭސީން 3 މަސްދުވަހުގެ ތެރޭގައި ފޮނުވާލުމެވެ. މީގެ ތެރެއިން 3000 އަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ ފޮނުވާލާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ސަބަބުން ބިދޭސީން ތިބި ތަންތަން ކަމާގުޅުންހުރި މުވައްސަސާތަކުން ބަލައި ބިދޭސިންގެ ތެރޭގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ. އެގޮތުން ހުޅުމާލެއާއި ގުޅީފަޅުގައާއި ވިލިވަރުގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި ތިބެވޭނެ ގޮތް ސަރުކާރުންވަނީ ހަމަޖައްސަވައިދެއްވާފައެވެ. ރާއްޖޭގައި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ބަޔަކަށް މިބަލި ޖެހިފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ މީހުންނަށެވެ.