ޚަބަރު

ފުލުހުން ޒިންމާ އަދާނުކުރާކަމަށް ބުނާތީ އެކަމަށް ރައްދުދީފި


ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އާއި ގޯނާ އާއި ދެކޮޅަށް އެހެން ފަރާތްތަކުން މަސައްކަތްކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީކަމަށް ބުނެ، މީޑިއާގެ ބައެއް ވަސީލަތްތަކުގައި ވާހަކަދައްކަމުންދާތީ ފުލުހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެ ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ އާއި، އަދި އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ޚާއްސަ ސަމާލުކަމެއްދީގެން ތަހުގީގުކުރެވެމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ ކުށުގެ އަމަލުތަކާއި މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ކުށްތަކުން، ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ފުލުހުން ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންދާކަމުގައި ފުލުހުން ވިދާޅުވެފައި ވެއެވެ.

އަދި އެފަދަ މައްސަލަތައް ތަޙުޤީގުކުރުމަށް ވަކި ބަޔަކު ކަނޑައަޅާ ޚާއްސަ ހުނަރުތައް ދަސްކޮށްދީ، އެހުނަރުތައް ޒަމާނާއި ކުށާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްގީކުރުމުކަކީ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ ތަހުގީގުތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަކީ އަބަދުވެސް ސަމާލުކަންދޭ، އަދި މިހާރު އަމަލުކުރެވެމުންދާ ސްޓްރެޓީޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް ދީފައިވާ ކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުޤީޤު މަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެން ދަނީ ކުއްތަކަށް އާއްމުން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. އަދި މިފަދަ މައްސަލަތަށް ފަސޭހައިން ފުލުހުންނަށް ރިޕޯޓް ކުރެވޭނެ ގޮތްތައްވެސް ހަމަޖައްސާފައިވާކަން ވިދަޅުވިއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ކުޑަކުދިންނާއި އަންހެނުންނާއި ގުޅޭ ކުށްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަކީ ފުލުހުންނާއި، ދަޢުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއިވެސް ވަރަށް ބޮޑަށް ގުޅިގެން ކުރާ މަސައްކަތެއްކަމަށެވެ. އަދި އެފަދަ މީހުންނަށް އެހީވުމަށް ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތަކީވެސް ފުލުހުން ވަރަށް ބޮޑަށް ބަލައިގަންނަ، އަދި ތަރުޚީބުދޭ ކަމެއްކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ޖިންސީ ގޯނާއާއި ޖިންސީފުރައްސާރައިގެ އަނިޔާތައް ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ފުލުހުންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ސަރުކާނު

މީޑިއާ ތަކުންނެއްނޫން ދޯ ފުލުހުން ޒިންމާ އަދާނުކުރާވާހަކަފެށީ؟ ރއްޔިތުންގެ މަޖިލީހުންދޯ؟ މިހާރު ފެންނަން އޮތް ހަޤީޤަތެއްދޯ ތިޔަ އަނބުރަނީ ފުލުހުންވެސް. ކާކީ ސޯޓްލައްވަންގޮވާ ފުލުހުންގެ އަގުވެއްޓީ މަޖލީހުން. ދެން ކޮންވާހަކައެއް؟