ޚަބަރު

ގެއްލިގެން ނުވަތަ ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ އޮންލައިންކޮށް ހުށަހެޅޭނެ


ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ 12 ޖުލައިން ފެށިގެން ފޯމުތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. މިގޮތުން ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެކަމާއި ގުޅޭ އެހެނިހެން ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ހުރިހާ ލިޔެކިއުމެއްވެސް ހުށަހަޅަން ޖެހޭނީ ޕީޑީއެފްކޮށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ބުނީ މިކަމުގައި ހުށަހަޅަން ޖެހޭނީ ފުރިހަމަ ކޮށްފައިވާ IM05 ފޯމާއި، ހުށަހަޅާފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީގެ އިތުރުން ބިދޭސީ ފަރާތް ގެއްލުނުކަން ރިޕޯޓްކުރާ ދުވަހާއި ހަމައަށް ވީޒާ ފީ ދައްކާފައިވާކަމުގެ ތަފްސީލް ކަމަށެވެ. އަދި ވަޒީފާދިން ފަރާތުގެ އިގްރާރު، މޯލްޑިވްސް އިމިގްރޭޝަން ވެބްސައިޓް www.immigration.gov.mv ގައިވާ ނަކަލާ އެއްގޮތަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދޭއިރު ބިދޭސީފަރާތް ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމެއް އަދި ޕާސްޕޯޓު ހުށައަޅާނަމަ ފުރިހަމަކޮށްފައިވާ IM06 ފޯމް ވެސް ހުށަހަޅަން ޖެހޭނެއެވެ.

ކޯވިޑް-19ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދަށް ދިއުމާއިއެކު ގިނަ އޮފީސްތަކުން ދެވޭ ހިދުމަތްތައް ވަނީ އޮންލައިންކޮށްފައެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާއި ގުޅިގެން މިހާރު އޮފީސްތައް ހުޅުވާ ހިދުމަތްދިނަސް ގިނަ ތަންތަނުން ދަނީ ދެވެންހުރި ހުރިހާ ހިދުމަތެއް އަދިވެސް އޮންލައިންކޮށް ދެމުންނެވެ.