ޚަބަރު

އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ކުރާ މަސައްކަތް


އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ނިމުނު އަހަރު 196 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

ހަ ރަށެއްގެ ހެލްތު ސެންޓަރ މަރާމާތުކުރުމުގެ އެއްބަސްވުމާއި، އަދި އިތުރު ރަށެއްގެ ހެލްތު ސެންޓަރ ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާ މިމަސައްކަތްތަކުގެ އިތުރުން ސިއްހީ އެތައް މަޝްރޫޢުތަކެއް އަތޮޅުތެރޭ ރަށްރަށުގައި ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ސަރުކާރާއި އެކި ފަރާތްތަކާއި ގުޅިގެން އަތޮޅުތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ސަތޭކަ ފަންސާސް ދެ ރަށެއްގައި އެސްޓީއޯގެ ފާމަސީތަކުން ޚިދުމަތް ދެމުންދާކަމަށް ވިދާޅުވި. މީގެ އިތުރުން ބާކީ އޮތް 36 ރަށުގައި އެސްޓީއޯގެ ފާމަސީ މިއަހަރު ނިމުމުގެ ކުރިން ހުޅުވޭނެކަންވެސް ފާހަގަކުރެއްވިއެވެ. 

ހެލްތު ސެންޓަރ މަރާމާތުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި ރަށްރަށަކީ، ނ.ފޮއްދޫ އާއި ޅ. އޮޅުވެލިފުއްޓާއި ބ. ހިތާދޫއާއި އދ. ފެންފުއްޓާއި، ފ. މަގޫދޫ އާއި ރ. ހުޅުދުއްފާރެވެ. މީގެ އިތުރުން ލ. ދަނބިދޫ ސިއްހީ މަރުކަޒު ބޮޑުކުރުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.