ވިޔަފާރި

ބީއެމްއެލް މާލެ ސަރަހައްދުގެ ބްރާންޗްތަކުން ޙިދުމަތް ދިނުމަށް އޮންލައިން ކިޔު ޓޯކަން ތަޢާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ސިސްޓަމް ތައާރަފްކޮށްފިއެވެ.

އޮންލައިން ކިޔު ޓޯކަން ސިސްޓަމާއިއެކު ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ.

ބޭންކިންގ ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކުރެވޭނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބީއެމްއެލްއިން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދެއްވުމަށްކަމަށެވެ. އަދި އޮންލައިން ކިއުގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަން ޓިމް ފާހަގަކުރެއްވިއެވެ.

ކިއުބީ މެދުވެރިކޮށް ބީއެމްއެލްގެ ޙިދުމަތްލިބޭ ސެޓަރުތަކުގެ ތެރޭގައި މެއިން ބްރާންޗް، ކަސްޓަމަރ ސަރވިސް ސެންޓަރ، މާލެ ބިޒްނަސް ސެންޓަރ ހިމެނެއެވެ. އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތްވެސް ޓޯކަން މެދުވެރިކޮށް ދޭނެއެވެ.

ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިންގ ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައިކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަން އާ ނުލައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ބްރާންޗްތަކުންނާއި ސަރވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.