ޚަބަރު

ހުޅުމާލޭ ޖިމަކުން 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ހުޅުމާލޭގައި ހުންނަ ޖިމަކުން ހުރި 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ހުޅުމާލޭގައި ހުރި ޖިމަކާއި ގުޅުން ހުރި 8 މީހަކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މިކޭސްތަކުގެ ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެހްނަމަވެސް، ޕޮޒިޓިވް ކޭސްތައް ގުޅިފައިވަނީ ކޮން ޖިމްއަކަށްކަމެއް އަދި މި ކޭސްތަކުގެ އިތުރު ތަފްސީލެއް ޑރ.ނަޒްލާ ދެއްވާފައެއް ނުވެއެވެ.

މާލޭގައި ކޯވިޑް-19، މުޖުތަމަޢުގެ ތެރޭގައި ފެތުރެން ފެށުމުން މާލެ ސަރަހައްދު ފުރަބަންދުކޮށް ޖިމްތައްވެސް ބަންދުކުރިއެވެ. އެހެންނަމަވެސް މި މަހުގެ ފުރަތަމަ ދުވަހު ތިންވަނަ މަރުޙަލާގެ ދަށުން ދިން ލުއިތަކާއެކު ޖިމްތައް ވަނީ ހުޅުވާފައެވެ.

އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ "ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގެ ޚިދުމަތް ދިނުމަށްޓަކައި އާންމުކޮށްފައިވާ ގައިޑްލައިން"ގައި ވާގޮތުން، މިފަދަ ތަންތަނުން ޚިދުމަތް ހޯދުމަށް އެއްވަގުތެއްގައި އަންނަ މީހުންގެ ޢަދަދު ކަނޑައަޅައި ކުރީބައިގައި ޝެޑިއުލްއެއް ހަދަންޖެހޭނެއެވެ. އަދި ޚިދުމަތް ދޭން ވާނީ އެޝެޑިއުލާއި އެއްގޮތަށް އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ. މިގޮތަށް އެޕޮއިންޓްމަންޓް ދޫކުރާއިރު ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް (ހުން އައުން، ކެއްސުން) ހުރިތޯ ސުވާލުކުރުމާއި އެއްވެސް ޢަލާމާތެއް ހުރިނަމަ ތަނަށް ނައުމަށް އެންގުމާއި މީހުން ޙަރަކާތްތެރިވާއިރު މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ކަށަވަރުކުރަން ޖެހެއެވެ. އަދި އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ގިނަވެގެން 5 މިނެޓް ކުރިން އެ ތަނަކަށް ދާންޖެހޭނެ ކަމަށްވެސް މި އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

މި އުސޫލުގައިވާގޮތުން، ޚިދުމަތްދޭ ސެޝަންތައް ފަށާގަޑިއާއި ނިމޭގަޑިތަކުގައި މީހުން ބައްދަލުނުވާ ގޮތަށާއި އަދި އެއްތަނަކަށް އިތުރު ނުވާގޮތަށް ގަޑިތައް ހަމަޖައްސަން ޖެހެއެވެ. އަދި ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގައި ބޭނުންކުރާ އާލާތްތައް ބަހައްޓާފައި ހުންނަންވާނީ އެތަކެތި ބޭނުންކުރާމީހުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ވަރަށެވެ.

މީގެ އިތުރުން އެފަދަ ތަންތަނުގައި ކޯވިޑް-19އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު ފެންނަ ގޮތަށް ބެހެއްޓުމާއި ސާފުތާހިރުކަމަށް އިސްކަންދީ ކޮންމެ ސެޝަނެއް ނިމުމުން ބޭނުންކުރާ ތަކެއްޗާއި ތަން ސާފުކޮށް ޑިސްއިންފެކްޓްވެސް ކުރަން ޖެހެއެވެ. އަދި ޚިދުމަތް ހޯދާ މީހުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ ތަންތަނުގައި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކޭޝްއިން ހެދޭ މުއާމާލާތްތައް މަދުކޮށް ތަނުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ސެނެޓައިޒަރ އިން އަތް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ. އަދި މަދުވެގެން 3 ފޫޓަށް ވުރެ ގައިދުރުމިން ނުބެހެއްޓޭނަމަ ގްރޫޕް ކްލާސްތައް ނުބޭއްވުމަށްވެސް ގައިޑްލައިންގައި ވަނީ ކަނޑައަޅާފައެވެ.