ޚަބަރު

އޮފީސްތައް ހުޅުވުމާއެކު ކްލަސްޓަރތަކާ ގުޅުމެއްނެތް ކޭސްތައް އިތުރުވަނީ


އޮފީސްތައް ހުޅުވުމާއެކު ކްލަސްޓަރތަކާއި ގުޅުމެއްނެތް ކޭސްތައް ފެނުން ގިނަވެފައިވާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މިފަދަ ވަކި ވަކި ކޭސްތައް ގިނަވުމަކީ ރައްޔިތުން ކޯވިޑް-19އަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭކަމެއްކަމަށެވެ. މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19ގެ ފިޔަވަޅުތަަކަށް 3 ވަނަ މަރުޙަލާގެ ދަށުން ލުއިތައް ދީފައިވާއިރު، އެކި ހޮސްޕިޓަލްތަކާއި އޮފީސްތަކުން މި ބަލީގެ ކޭސްތައް ފެންނަންފަށާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕޮޓަލާއި އައިޖީއެމްއެޗުން ކޭސްތައް ފެންނަން ފަށާފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

" ބީއެމްއެލްގެ 2 މުއައްޒަފެއް، މަޖިލިސް ޑްރައިވަ، ޓްރީޓޮޕް 2 ނަރުހުން އަދި އައިޖީއެމްއެޗް ކްލަސްޓަރގެ އައު ކޭސްއެއް މިވަނީ ފެނިފައި. މިއަދުގެ 36 ކޭސްގެ ތެރެއިން 14 ކޭސްއަކީ އިންޑިޕެންޑެންޓް ކޭސް" ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ކޯވިޑްގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު އާންމުންގެ ހަރަކާތްތައް އިތުރުވެ ސަލާމަތީގޮތުން އަޅާ ފިޔަވަޅުތައް މަތިން ހަނދާންނެތިފައިވާކަމަށެވެ. އަދި މިހާރު ޕޮޒިޓިވްވަމުންދާ މީހުންގެ ކޮންޓެކްޓްސް ނުވަތަ ދިމާވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާކުޑަކޮށްލެވުމަކީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭ އިތުރު ހުރަހެއްކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލްވަނީ އިތުރު ފުރަބަންދަކަށް ދިޔަ ނުދީ މި ދަނޑިވަޅުގައި އެންމެން އެކުގައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.