މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ފެންމަތިވެ ފަތުރުވެރިކަމާބެހޭ ވަޒީރު މަޤާމުން ވަކިކުރައްވާފައިވަނިކޮށް، އެވުޒާރާގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ މުޙައްމަދު ޙައްސާން ވެސް މަގާމުން ވަކިކޮށްފިއެވެ.
ހައްސާން މިއަދު މަޤާމުން ވަކޮކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާޙިމް ހޫދުވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ ވަކިކުރި ސީދާ ސަބަބު އަދި ޔަގީންވެފައިނުވެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުމާއެކު މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރޭ އެންގެވިނަމަވެސް އިސްތިއުފާ ނުދެއްވުމުން މިއަދުވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.
ޢަލީ ވަޙިދުގެ މައްޗަށް ތުހުމަތުކުރެވެނީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.