ޚަބަރު

ކޮމަންވެލްތު އެސޯސިއޭޝަން އޮފް އާކިޓެކްޓްސްގެ މެމްބަރަކަށް އާކިޓެކްސްޓްސް އެސޯސިއޭޝަން މޯލްޑިވްސް


ކޮމަންވެލްތު އެސޯސިއޭޝަން އޮފް އާކިޓެކްޓްސްގައި ރާއްޖެ ތަމްސީލުކުރުމަށް އާކިޓެކްސްޓްސް އެސޯސިއޭޝަން މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވާ ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި އެ މިނިސްޓްރީއިން ވަނީ، ކޮމަންވެލްތު އެސޯސިއޭޝަން އޮފް އާކިޓެކްޓްސްގެ މެމްބަރަކަށް އާކިޓެކްސްޓްސް އެސޯސިއޭޝަން މޯލްޑިވްސްވުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. ފޮރިން މިނިސްޓްރީން ވަނީ، މި މެމްބަރޝިޕްއަކީ ރާއްޖެއާއި ކޮމަންވެލްތުގެ ގުޅުން ވަރުގަދަވެގެންދާކަމުގެ ހެތްކެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިމަގުގައިވެސް ދެ ފަރާތުން ގުޅިގެން އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުުމަށް ނިންމާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުވީޓް

ރާއްޖޭގެ ފުރަތަމަ އާކިޓެކްޗާރސް އެސޯސިއޭޝަން ރަސްމީކޮށް ރަޖިސްޓްރީކޮށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައެވެ. ރާއްޖޭގައި 161 އާކިޓެކްޓުން އުޅޭއިރު އޭގެ ތެރެއިން 133 އާކިޓެކްޓުން އާކިޓެކްޗާރސް އެސޯސިއޭޝަންގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.

އާކިޓެކްސްޓްސް އެސޯސިއޭޝަން މޯލްޑިވްސް ކޮމަންވެލްތް އެސޯސިއޭޝަން އޮފް އާކިޓެކްޓްސްގެ މެމްބަރަކަށްވެފައިވާއިރު، ތިން އަހަރަށްފަހު ކޮމަންވެލްތުގެ މެމްބަރަކަށް އަނެއްކާވެސް ދިވެހިރާއްޖެ ވަނީ މިއަހަރުގެ ތެރޭގައިވެފައެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.