ވިޔަފާރި

ޝަރުތު ހަމަވާނަމަ އެންމެ ބިޑެއް ހުށަހެޅިޔަސް މަސައްކަތް ޙަވާލުކުރެވޭނެ


ސަރުކާރުގެ މަޝްރޫޢުތަކަށް އެންމެ ބިޑެއް ހުށަހެޅިޔަސް މަޝްރޫޢު ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ޤަވާއިދު އިސްލާހުކޮށްފިއެވެ.

މިމަހުގެ 4 ވަނަ ދުވަހު ގެޒެޓްކުރެވުނު ދައުލަތުގެ މާލިއްޔަތު ޤަވައިދަށް ގެނެވުނު ތިން ވަނަ އިސްލާހާއިއެކު ސަރުކާރުގެ ޕްރޮކިއުމަންޓު ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މާލިއްޔަތު ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އާންމުކޮށް ބީލަމަށް ހުޅުވާލާއިރު 3 ބިޑުގެ ބަދަލުގައި އެންމެ ބިޑެއް ހުށަހެޅުނަސް، ހުށަހަޅާފައިވާ ބީލަމަކީ ޝަރުތުހަމަވާ އަދި ހުށަހެޅިފައިވާ އަގަކީ އެކަށީގެންވާ އަގެއް ކަމުގައި ވާނަމަ އެބީލަން ހުށަހެޅި ފަރާތާއި މަސައްކަތް ހަވާލު ކުރެވޭނެއެވެ. އަދި އާންމުކޮށް ހުޅުވާލާ ބީލަންތައް ހުށަހެޅުމަށް އިންނަ މުއްދަތު ވަނީ 7 ދުވަހުގެ ބަދަލުގައި ރަސްމީ ބަންދު ނޫން 7 ދުވަހަށް ބަދަލުކޮށްފައެވެ.

ޤަވާއިދަށް ގެނެސްފައިވާ އެހެން ބަދަލުތަކުގެ ތެރޭގައި ބިޑް ހުށަހަޅާ ފަރާތްތަކަށް މަޝްރޫއެއް ހިންގަން ފަރާތެއް ހޮވާފައިވާ ގޮތާއިބެހޭ ގޮތުން މައްސަލަ ހުށަހަޅަން ބޭނުންނަމަ 5 ދުވަހުގެ މުއްދަތު ދިނުން ހިމެނެއެވެ. އަދި ބީލަމާއި ގުޅިގެން މައްސަލައެއް އޮތްނަމަ، އެމައްސަލަ ނިމުމުން ނޫނީ ކޮންޓްރެކްޓްގައި ސޮއިނުކުރެވޭ ގޮތަށްވެސް ޤަވާއިދު ވަނީ އިސްލާހުކޮށްފައެވެ.

މީގެއިތުރުން ޕްރޮކިއުމަންޓް ހިންގާ ސިޔާސަތުތައް ކަނޑައަޅާ، އުސޫލުތައް ހެދުމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އެކުލަވާލާނެއެވެ. 7 މެންބަރުންގެ މިބޯޑުން ބަލަހައްޓާނީ 5 މިލިއަނަށްވުރެ ބޮޑެތި މަޝްރޫތަކުގެ ޕްރޮކިއުމަންޓެވެ. އަދި 35 ހާހާއި 5 މިލިއަން ރުފިޔާގެ މަޝްރޫތައް ވަކިވަކި އޮފީސްތަކުގެ ޕްރޮކިއުމަންޓް ބަލަހައްޓާ ސެކްޝަންތަކުން ބިޑްކޮށް ކުރިޔަށް ގެންދެވޭނެއެވެ. މީގެއިތުރުން ކޯޕަރޭޓް ޖަމިއްޔާތަކާއި، ޤައުމީ ޖަމުޢިއްޔާ ޖަމާއަތްތަކަށް ބިޑްކުރުމަކާއި ނުލާ މަޝްރޫތައް ނުދެވޭނެކަމަށްވެސް މި އިސްލާހުގައިވެއެވެ.

ޤަވާއިދަށް ގެނެސްފައިވާ އެހެން ބަދަލުތަކުގެ ތެރޭގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ނަގާ 250000 ރުފިޔާ ވަނީ 500000އަށް ބަދަލުކޮށްފައެވެ. އަދި ރިޓެންޝަން ފައިސާ ނަގާނީ ކުރުވާ މަސައްކަތަށް އެކަނިކަމަށްވެސް މިއިސްލާހުގައިވެއެވެ.

ޤަވާއިދުގައިވާ އެހެން ކަންކަމުގެ ތެރޭގައި މަޝްރޫޢުތައް ދިނުމުގައި މަސައްކަތްކުރާ ގޮތް ހަރުދަނާކުރުމަށް ވަކި ދާއިރާއަކާއި ގުޅުން ހުރި ފަރާތްތަކަށް ފުރުސަތު ދިނުމާއި، އެއް ކުންފުންޏަކަށް ދެވޭ މަޝްރޫތަކުގެ އަދަދު ލިމިޓްކުރުމާއި، ބަނޑޭ ރިޕޭ މެދުވެރިކޮށް ޕްރޮޖެކްޓް ފީ އޮންލައިންކޮށް ދެއްކޭނެ ނިޒާމް ހަމަޖެއްސުންވެސް ހިމެނެއެވެ.