ޚަބަރު

ރާއްޖޭގައި އިންޓަރގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމް ވޯކްއެއް ޤާއިމްކުރުމަށް އދ.އިން އެހީ ވަނީ


ރާއްޖޭގައި އިންޓަރގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމް ވޯކްއެއް ޤާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އާއި ރާއްޖެއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އދ.ގެ ފަރާތުން ސޮއިކުރެއްވީ އދ. ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްއެވެ.

1.4 މިލިޔަން ޑޮލަރުގެ މި އެއްބަސްވުމަށް ފަންޑް ހަމަޖައްސާފައި ވަނީ އެސްޑީޖީ ފަންޑްގެ ތެރެއިންނެވެ. 2 އަހަރުދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުން ތަންފީޒު ކުރާނީ ސަރުކާރާއި ޔޫއެންގެ އެޖެންސީތަކާއި ސަރުކާރުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރ އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ފައިނޭންޝަލް ޕްލޭނިން ޕްރޮސެސް ހަރުދަނާކޮށް މޫސުމީ ބަދަލުތަކާއި ޖިންސުގެ ތަފާތުކުރުންތައް ނައްތާލުމަށާއި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުން ފަދަ އިސްކަން ދެވޭ ދާއިރާތަކަށް ޚަރަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެ ސަބަބުން ރާއްޖެއަށް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ތަރައްޤީގެ ފައިދާތައް ލިބި އިންކުލޫސިވް 2030 އެޖެންޑާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވެ ސަރުކާރުގެ އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒް ކުރުމަށްވެސް ލިބޭ އެހީއަކަށް ވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިއަދު ރާއްޖެއާއި އދ. އާއި ދެމެދު ވަނީ އިތުރު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެއީ ކޯވިޑް 19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދިނުމަށް އެހީތެރިވުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އދ.ގެ ކޯވިޑް-19 ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓީ ޕާޓްނަރ ޓްރަސްޓް ފަންޑުގެ ފުރަތަމަ ބުރުން 360000 (ތިންލައްކަ ފަސްދޮޅަށް ހާސް) ޑޮލަރުގެ މާލީ އެހީ ވަނީ ރާއްޖެއަށް ދީފައެވެ. މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ މުޖުތަމަޢުގައި ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށެވެ. މިގޮތުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި އެމީހުންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ސަރވިސް ފޯރުކޮށްދީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން އދ.ގެ އެޖެންސީތަކާއި ދިވެހި ރެޑް ކްރަސަންޓާއި ދަޢުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ކުރިއަށް އޮތް 5 މަހު މަސައްކަތް ކުރާނީ މި އެއްބަސްވުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މި ދަނޑިވަޅުގައިވެސް އދ.އިން ރާއްޖެއަށް ވަމުންގެންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

"މި ދަނޑިވަޅަކީ ރާއްޖެއިންވެސް އައު އާއްމު ހާލަތަށް ތައްޔާރުވެ ބޯޑަރުތައް ހުޅުވާލަން ތައްޔާރުވެ، ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދެމުންދާ ދަނޑިވަޅަކަށް ވުމުން މިފަދަ އެހީއެއްގެ ސަބަބުން އެ މަސައްކަތް ތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ." މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އދ. ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްވަނީ މި އެހީގެ ސަބަބުން ރާއްޖޭގައި ވަރުގަދަ އުސޫލްތައް އެކުލަވާލެވި އެންމެން ގުލީގެން ރާއްޖޭގައި މުޖުތަމަޢުއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީއަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

" ކޯވީޑް 19 ގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް 2030ގެ އެޖެންޑާގައި ހިމެނޭ ކަންކަން ތަންފީޒް ކުރުމަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޯށްދިނުމަށް އދ.އިން ކެނޑިނޭޅި މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން ދެން." އދ. ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ މި ވަގުތުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި މުޖުތަމައުގައި އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ދިވެހި ސަރުކާރާއި އދ. ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ. އަދި ޖަމިއްޔާ އާއި ގުޅިގެން ހިންގާ އެކި އެކި ޕްރޮގްރާމތަކުގައި ނަތީޖާ ހާސިލްވާނެ މިންވަރާއި އެޖެންޑާ 2030 ގަ ހިމެނޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު ވަރަށް ގާތުން ބަލަމުންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަދު ވެވުނު ދެ އެއްބަސްވުމާއިއެކު ޖުމުލަ 28.3 މިލިޔަން ރުފިޔާގެ އެހީތެރިކަން އދ. އިން ރާއްޖެއަށް މިވަނީ ދީފައެވެ.