ޚަބަރު

ކުރިން ހިނގާފައިވާ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް މިހާރު ދަނީ ހުށައަޅަމުން: ޖެންޑަރ މިނިސްޓަރ


ޖިންސީ ގޯނާއާ ގުޅޭ ވާހަކަތައް ދައްކަން ފެށުމުން، ކުރިން ހިންގާފަހުރި މިފަދަ ގިނަ މައްސަލަތަކެއް ރިޕޯޓްކުރަން ފަށާފައިވާކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީންދަނީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުމާ ގުޅޭ ކެމްޕެއިނެއް ފެށުމަށް ތައްޔާރުވަމުންނެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށް، މިކަމާ ދެކޮޅަށް ޚާއްސަ ކެމްޕެއިނެއް ފެށުމަށް ޖެންޑަރ މިނިސްޓްރީންދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގެދަށުން ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، ކޯޓުތަކާއި މިފަދަ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކާއެކު މަޝްވަރާ ބައްދަލުވުމެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ބައްދަލުވުމެއްގެ އެންމެ ބޮޑު ބޭނުމަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދާދިނުމުގައި ހުރި ގޮންޖެހުންތަކާއި، އަދި އެ ޙާލަތުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތައް ދެނެގަތުން ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޖިސްމާނީ ނަފްސާނީ އަނިޔާގެތެރެއިން އެންމެ ގިނައިން ޖެންޑަރ މިނިސްޓްރީއަށް ހުށައަޅަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށެވެ. އަދި މިފަދަ އެތައް މައްސަލައެއް މިހާރު ކޮންމެ ދުވަހަކުވެސް ހުށައަޅަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޚާއްސަކޮށް މިމަހު ވަރަށް ގިނަ މައްސަލަތައް ހުށައަޅައިފި. މީގައި ގިނައީ އާ މައްސަލަތަކެއް ނޫން. ކުރިން ހިންގާފައި ހުރި މިފަދަ އެތައް މައްސަލައެއް ހުށައަޅަން ފަށައިފި. މިކަމުގައި އޮތް "ސައިލަންސް" ނައްތާލަން ފެށުމުން މީހުން މިކަމަށް ހޭލުންތެރިވާތަން ފެންނަން ފަށައިފި." މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އަމާޒަކީ މިކަމާއި ގުޅިގެން ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކުރެވޭގޮތަށް މަސައްކަތްތައް ތަރުތީބުވެގެންދިއުންކަމަށެވެ.

މިމަޝްވަރާ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިކަމުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދެވޭނީ މިކަމާ ގުޅޭގޮތުން ހެދިފައި ހުރި ޤާނޫނުތަކުގެ އެހީގައި ހުރިހާ މުއައްސާތައް އެކުގައި ގުޅިގެންކަމަށެވެ.

އެގޮތުން ޖެންޑަރގައި ތިބި މަދު މުޢައްޒަފުންނާއި، ފުލުހުންގެ ޓީމާއި، ކޯޓުތަކާއިއެކު މި މަސައްކަތުގައި ބޮޑު ޓީމެއް އޮތްކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިއީ ހުރިހާ މުއައްސަސާތައް ހިމެނޭހެން ވަރަށް ބޮޑަށް ވަށާ ޖެހިފައިވާ މަސައްކަތެއްކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

"އެއް މުއައްސަސާ އަނެއް މުއައްސާތަކުގެ މަސައްކަތްތައް މިއޮތީ ވަރަށް ބޮޑަށް ގުޅިފައި. މައްސަލައަކާއި ގުޅިގެން ވަކި މުއައްސަސާއަކަށް ގުޅީމަ އަނެއް މުއައްސާއަށް ގުޅައިގެން އެކަން ބަލާށޭ ބުނުމުގެ ބަދަލުގައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މުނީރް ސަފިލްޑިން ވިދާޅުވީ ކަމުގެ ޝިކާރައަކަށްވި އެތައްބަޔަކު ހިތްވަރުކޮށް މިހާރު އެމީހުންގެ ވާހަކަތައް ޙިއްސާކުރުމުން ފެންނަނީ، އެމީހުން މިކަން ހުއްޓުވާ އިންސާފު ބޭނުންވެފައިވާ މިންވަރުކަމަށެވެ.

"ހަމައެކަނި ޤާނޫނުގެތެރެއިން ބޭނުންވާ އިންސާފު ހޯދައިދިނުން އެކަންޏެއް ނޫން. އެމީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ލިބޭ ގެއްލުމަށް އެހީވާން ޖެހޭ. އަދި މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ހަރުދަނާ ފިޔަވަޅުއަޅައި އެމީހުން ބެލެހެއްޓެންޖެހޭ." މުނީރް ސަފިލްޑިން ވިދާޅުވިއެވެ.

ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކެމްޕެއިނަކީ 2 އަހަރުގެ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަސައްކަތްތައް މިމަހު ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ.