ވިޔަފާރި

ލޮޖިސްޓިކްސް ދާއިރާ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ- މައުމޫން


ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ މިހާތަނަށް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޗެއަރމަން އަހުމަދު މައުމޫން ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީޒް އިން ބޭއްވި ފޭސްބުކް ލައިވް ޕެނަލް އެއްގައި ވާހަކަ ދައްކަވަމުންނެވެ. ސެންޗޫރިއަން ޕީއެލްސީއަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ޝިޕިން ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ ކުންފުންޏެކެވެ.

މި ޕެނަލްގައި ވާހަކަ ދައްކަވަމުން ސެންޗޫރިއަންގެ ޗެއަރމަން އަހުމަދު މައުމޫން ވިދާޅުވީ މުދާ ގެނައުމުގެ ދައިރާ ނުވަތަ ލޮޖިސްޓިކްސްގެ ދާއިރާ އަކީ ޤައުމުގެ ތަރައްޤީގެ އެހެނިހެން ދާއިރާތަކާއި ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. މިގޮތުން ޓުއަރިޒަމް، ކޮންސްޓްރަކްޝަން ފަދަ ދާއިރާތައް ހިންގުމަށްޓަކައި ލޮޖިސްޓިކްސްގެ ދާއިރާ ހަރުދަނާ ކުރުުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. ނަމަވެސް މިދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ތެރެއިން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވިފައި ނުވާކަމަށް މައުމޫން ވިދާޅުވިއެވެ. އަދި ދާއިރާ ތަރައްޤީކުރުމަށް އިންސާނީ ވަސީލަތާއި، ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަަށް މައުމޫން ފާހަގަކުރެއްވިއެވެ.

މައުމޫން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާގެ މަޢުލޫމާތުތައް ހޯދުމަށް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ލޮޖިސްޓިކްސް ދާއިރާގެ ޑޭޓާ ކަލެކްޝަން ޕޮއިންޓްތަކެއް ނެތުމުން މިދާއިރާ ޤައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު ދެނެގަނެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހޯދުނު ހޯދުންތަކުގެ އަލީގައި ލޮޖިސްޓިކްސް ދާއިރާއަކީ ޖީޑީޕީގެ 16-19 އިންސައްތަ ލޮޖިސްޓިކްސް ދާއިރާއިން ހިއްސާކުރާކަން ދެނެގަނެވުނުކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ބޮޑު ހިއްސާއެއްކަމަށާއި، އެހެންކަމުން ރާއްޖޭގެ މިދާއިރާ އިތުރަށް ހަރުދަނާކޮށްފިނަމަ މީގެންވާ ފައިދާ އިތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ލޮޖިސްޓިކްސް ކުންފުނިތައް ޕަބްލިކް ކުންފުނިތަކަށް ބަދަލުކުރުމަކީ ދާއިރާ ތަރައްޤީއަށް ކުރެވޭނެ މުހިންމު ކަމެއްކަމަށް މައުމޫން ފާހަގަކުރެއްވިއެވެ. އެހެންކަމުން ފްރައިވެޓް ލޮޖިސްޓިކްސްގެ ހިދުމަތްދޭ ކުންފުނިތައް ޕަބްލިކް ކުންފުނިތަކުގެ ގޮތުގައި ލިސްޓުކުރުމަށް ހުރި ޤާނޫނީ ދަތިތައް ހައްލުކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުންފުނިތައް ޕަބްލިކް ކުރުމުން އެތައް ގިނަ ފައިދާތަކެއް ވާނެކަމަށާއި، މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މާކެޓަށް ހުޅުވިގެންދިއުމުން ބޭރުގެ ބޮޑެތި ކުންފުނިތަކާއިއެކު މަސައްކަތްކޮށް، ރާއްޖޭގެ ކުންފުނިތަކާއި ލޮޖިސްޓިކްސް ދާއިރާ އިތުރަށް ތަރައްޤީވާނެކަމަށްވެސް މައުމޫން ފާހަގަކުރެއްވިއެވެ.