ރާއްޖެއަށް މުދާ ގެނައުމުގައި ހަރަކާތްތެރިވާ ކުންފުނިތައް ތަމްސީލްކުރާނެ ފަރާތެއް ނެތުމުން ދިމާވާ މައްސަލަތައް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ދަތިވާކަމަށް އޭޝިއާ ފޯވަޑިންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޒިޔާދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީޒް އިން ބޭއްވި ފޭސްބުކް ލައިވް ޕެނަލްއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭޝިއާ ފޯވަޑިންއަކީ ރާއްޖެއަށް މުދާ ގެނެސް ދިނުމުގެ މަސައްކަތްކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ.
މިޕެނަލްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ފްރައިޓް ފޯވަޑާޒް އަދި ޝިޕިންގ އެޖެންޓުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ބެލެނިވެރި ފަރާތެއް އަދި ނޯންނާނެކަމަށެވެ. އެހެންކަމުން މިކަމަށް ހައްލު ގެނައުމަށް އެސޯސިއޭޝަނެއް ޤާއިމްކުރުމަށް ކޯވިޑް-19 ކުރިމަތިވުމުގެ ކުރިން މަސައްކަތް ކުރިކަމަށެވެ.
ބޭރުން މުދާ ގެނެސްދިނުމުގައި ހަރަކާތްތެރިވާ ފްރައިޓް ފޯވަޑާޒް ނުވަތަ ޝިޕިން އެޖެންޓުންނަށް ލައިންސަންސް ނުނަގާ އެމަސައްކަތް ކުރެވޭތީ ގިނަ މައްސަލަތަކާއި ކުރިމަތިވާކަމަށް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކޮންމެ ބައެއްވެސް ކުންފުނި ހަދައިގެން އިތުރު ލައިސަންސެއް ނުނަގާ މި މަސައްކަތް ކުރާކަމަށެވެ. ނަމަވެސް މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތް ނޫންކަމަށާއި، ބޭރު ޤައުމުތަކުގައި ފްރައިޓް ފޯވަޒާޑް އަދި ޝިޕިން އެޖެންޓުންނަށް މަސައްކަތް ކުރެވޭނީ ވަކި ލައިސަންސެއް އޮވެގެންކަމަށެވެ.
ކޯވިޑް-19ގެ ހާލަތުގައި ހުރިހާ ދާއިރާއަކަށް އަސަރުކޮށް، ގިނަ ފަރާތްތަކެއްގެ މަސައްކަތް ހުއްޓުނު ނަމަވެސް ސަރުކާރުން ކަންތައްތައް ރޭވިގޮތާއި މެދު ހިތްހަމަޖެހޭކަމަށާއި، އޮންލައިންކޮށް ކަސްޓަމްސް އަދި އިމިގްރޭޝަންގެ ހިދުމަތްތައް ލިބެން ހުރުމުން ދިމާވި ދަތިތަކަށް ހައްލު ލިބުނުކަމަށްވެސް ކުންފުނިތަކުން ބުނެއެވެ.