ވިޔަފާރި

ގިނަ ޚިދުމަތްތަކަށް އޮންލައިކޮށް އެދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި- އިމިގްރޭޝަން


ޖުލައި 15 އިން ފެށިގެން ބޯޑަރު ހުޅުވާލާއިރު އިމިގްރޭޝަން އެކި ހިދުމަތްތަކަށް އޮންލައިކޮށް އެދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ އައު އާންމު ހާލަތާއިއެކު 15 ޖުލައިގައި ކުރިއެކޭ އެއްފަދައިން ކަނޑާއި، ވައިގެ މަގުން ރާއްޖެ އަންނަ އުޅަނދުތަކުގައި ދަތުރުކުރާ ފަރާތްތަކުގެ އިމިގްރޭޝަން ކްލިއަރަންސްގެ މަސައްކަތް އަލުން ފަށާނެކަމަށެވެ. އަދި މިހިދުމަތްތައް ދޭން އަލުން ފަށާއިރު، ބޮޑު ބަދަލުތަކެއް ނަޔަސް، އިމިގްރޭޝަންގެ ސްޓާފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި ފިޔަވަޅުތައް އަޅާފައި ބަހައްޓާނެކަމަށް އިމިގްރޭޝަނުން ބުނެެއެވެ. އެގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމުގެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުންދާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި އިމިގްރޭޝަނުން އެދޭ އެކި ހިދުމަތްތަކަށް އީމެއިލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް އެމުޢައްސަސާއިން ބުނެއެވެ.

ވައިގެ ބަނދަރުތަކުގައި ތިބޭ އިމިގްރޭޝަން ސްޓާފުން ތިބޭނީ މާސްކް، އަންގި އަޅައި، އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓޭނެ ގޮތަށްކަމަށެވެ. އަނެއްކޮޅުން ރާއްޖެ އަންނަ ކްރޫޒް ލައިނަރ އަދި އެހެނިހެން އުޅަނދުތަކަކީ 14 ދުވަހަށްވުރެ ކުރު ދަތުރެއްކޮށްފައި އަންނަ އުޅަނދެއްނަމަ އެންމެ ފުރަތަމަ އުޅަނދަށް ފޮނުވާނީ ޕޯޓް ހެލްތުގެ އޮފިޝަލުކަމަށާއި، އިމިގްރޭޝަންގެ އޮފިޝަލުން އުޅަނދަށް އަރާނީ މިފަދަ ފަރާތްތައް ބަލަންޖެހޭ ކަންތައްތައް ބެލުމުން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ 15 ޖުލައިގައި ބޯޑަރު ހުޅުވާލާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅު ނޫނީ އެހެން ބޮޑެތި ބަދަލުތަކެއް ނުފެންނާނެކަމަށެވެ. އަދި އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލްގެ މަސައްކަތުގައިވެސް އަމަލުކުރާނީ ކުރިއެކޭ އެއްގޮތަށް، ނަމވެސް ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުކަމަށެވެ.