މުނިފޫހިފިލުވުން

ސާރކް އާރޓްފެސްޓިވަލަށް ރާއްޖެއިން އަފްޣާނިސްތާނަށް 4 ފަންނާނަކު


"ސާރކް އާރޓް ފެސްޓިވަލް" ގައި ބައިވެރިވުމަށް ރާއްޖޭގެ 4 އާޓިސްޓަކު އަފްޣާނިސްތާނަށް މިއަދު ފުރައިފިއެވެ. އަފްޣާނިސްތާނުގެ ބަމްޔަމްގައި ކުރިއަށްދާ ސާރކް އާރޓް ފެސްޓިވަލުގައި ބައިވެރިވުމަށް ފުރުމުގެކުރިނަށް ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ޔުނައިޓެޑް އާރޓިސްޓްސް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޝުއައިބު ވިދާޅުވީ، ރާއްޖޭގައިވެސް ހުނަރުވެރި އާރޓިސްޓުންތަކެއް އެބަތިބި ކަމަށާއި، މިފަދަ ފެސްޓިވަލެއްގެ ސަބަބުން، އެފަދަ އާރޓިސްޓުންގެ ހުނަރުވެރިކަން ކުރިއަރުވައި، ބޭރުގެ ޤައުމުތަކަށް ރާއްޖޭގެ އާރޓިސްޓުންގެ ހުނަވެރިކަން ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެސްޓިވަލުގައި ކުރެހުމުގެ ދާއިރާއާއި ގުޅުންހުރި އެކި ކަހަލަ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންތައް ދެއްކުމުގެ އިތުރުން، އެކި ޤައުމުތަކުގެ ޕްރޮފެޝަނަލް އާރޓިސްޓުންނާއި ބައްދަލުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޝުއައިބު ވިދާޅުވިއެވެ. މި ދަތުރުގައި ޝުއައިބާއެކު ބައިވެރިވާ އަނެއް 3 ބައިވެރިންވެސް ވަނީ މިފަހަރުގެ ސާރކް އާރޓް ފެސްޓިވަލާމެދު އެފަރާތުންތަކުން ކުރާ އުއްމީދު ޕީ.އެސް.އެމްއާއި ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގެ އާރޓިސްޓުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތަލު ލިބުމުން އެކަމާއި އުފާ ކުރާ ކަމަށާއި، މިދާއިރާއިން ކުރިއަށްދާން އިތުރު ހިތްވަރެއް ލިބިގެންދާކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ސާރކް އާރޓް ފެސްޓިވަލުގައި ރާއްޖޭގެ އާރޓިސްޓުން މީގެ ކުރިން ބައިވެރިވެފައި ވީނަމަވެސް، މިއީ ސަރުކާރުގެ ޚަރަދުގައި ރާއްޖޭގެ އާރޓިސްޓުން މި ފެސްޓިވަލުގައި ބައިވެރިވާ ފުރަތަމަ ފަހަރުއެވެ.