ވިޔަފާރި

މީރާއިން ޖީއެސްޓީ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނީ މީރާ 205 ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން އަދި މީރާ 206 ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާންއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޖީއެސްޓީ ބަޔާނުގެ ފުރަތަމަ ސަފްހާގެ 8 ވަނަ އައިޓަމްކަމުގައިވާ "އަނބުރާ ނުލިބޭ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު" ބަދަލުކޮށްފައިވާކަމަށް މީރާއިން ބުނެއެވެ.

މި އައިޓަމްގައި ރެޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހިމަނަންޖެހޭނީ އަނބުރާ ނުލިބޭނެ ދަރަންޏަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދެވެ. މީރާއިން މިގެނައި ބަދަލާއެކު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަނބުރާ ނުލިބޭ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު ހުށަހެޅުމުގެ ކުރިން މީރާގެ ހުއްދަ ހޯދާކަށް ނުޖެހޭނެކަމަށް މީރާއިން ބުނެއެވެ.

ޖީއެސްޓީއަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މީރާ އަށް ހުށަހަޅަންޖެހޭނީ ޖީއެސްޓީ ބަޔާނުގެ ވާޝަން 20.1 ކަމަށް މީރާއިން ބުނެއެވެ. މި ވާޝަން އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއެކު ޓީޖީއެސްޓީ ދައްކާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން މީރާ އިން ވަނީ ޓީޖީއެސްޓީ ދިވެހި ރުފިޔާ އިން ދެއްކޭނެ އިންތިޒާމު ވެސް މީގެކުރިން ހަމަޖައްސަދީފައެވެ.