ކުޅިވަރު

އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ


މެދުކަނޑާލާފައިވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމާފައިވާތީވެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ މި ގޮތަށް މަސައްކަތް ފެށީ ރާއްޖޭގައި މުބާރާތް ބާއްވައިފިނަމަ ދިވެހި ދެ ޓީމަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ ކަމަށެވެ.

އޭއެފްސީން މިހާރު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެމްބަރު އެސޯސިއޭޝަންތަކަށް ހުޅުވާލައިފަ އެވެ. އަދި މި މަހުގެ ނިޔަލަށް ބެލުމަށްފަހު މެޗުތައް ބާއްވާ ގައުމެއް އިއުލާނުކުރާނެއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް އެއް ދަނޑެއްގައި ކުޅެން އޭއެފްސީން ނިންމީ ކޯވިޑް19ގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަކީ ރައްކާތެރި ގޮތެއްނޫން ކަމަށް ނިންމުމަށްފަހު އެވެ. މުބާރާތް ކުޅެން މިހާރު ނިންމާފައިވަނީ އަންނަ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުއެވެ.

އޭއެފްސީން ނިންމާފައި އޮތީ އަންނަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު 4 އަކާއި ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުރިޔަށްގެންދާގޮތަށެވެ. މިހާރު ހަދާފައި އޮތް ޝެޑިއުލަށް ބަލާއިރު 13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެއެވެ. ބާކީ 5 މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ 2 މެޗެއްގެ ދެމެދު 2 ދުވަހުގެ ބްރޭކެއް ލިބޭނެއެވެ

މި މުބާރާތުގައި ރާއްޖެއިން މިފަހަރު ވާދަކުރަނީ މާޒިޔާ އާއި ޓީސީއެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް ހުއްޓާލީ އެއް މެޗަށް ފަހުއެވެ.