ޚަބަރު

މޯލްޑިވް ގޭހުގެ އަމާޒަކީ ލުއިފުޅި އިތުރުކުރުން


މޯލްޑިވް ގޭހުގެ އަމާޒަކީ ދަނގަނޑު ގޭސްފުޅީގެ ބަދަލުގައި ލުއިފުޅި ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރު ކުރުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. ލުއިފުޅިއާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމުގެގޮތުން އިއްޔެ ކުރިއަށްގެންދިޔަ ރޯޑްޝޯވް ނިންމާލުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖަރ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، ލުއިފުޅި ތައާރަފްކުރިތާ އަހަރެއް ނުވަނީސް ބޮޑު ތަރުހީބެއް ލުއިފުޅިއަށް ލިބިފައިވާ ކަމަށެވެ.   "ރާއްޖޭގެ މާޙާއުލަށް ވަރަށްފެތޭ ފުޅިއެއްމިއީ. މިފުޅީގައި ދަބަރު ނުޖަހާނެ. މިފުޅީގެ ޚާއްސަކަމަކީ ގޭސް ހުންނަ ލެވެލް ބޭރުން ފެންނަން ހުންނަނީ. ސީތްރޫ ޓްރާސްޕޭރެންޓް ކަވައެއް ލާފައި ފުޅި މިހުންނަނީ" އާމިނަތު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ދަގަނޑުފުޅި ރިޕްލޭސް ކުރުންކަމަށެވެ. އަދި މިފުޅި ލުއިވެފައި މާލޭގެ އުސް ޢިމާރާތްތަކަށް އަރުވަން ފަސޭހަވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި އިއްޔެ ވަނީ ލުއިފުޅި ރޯޑްޝޯވ ކުރިއަށް ގެންގޮސްފައެވެ.  ރޯޑް ސޯވްގެ ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުމެއް ކުރިއަށް ގެންގޮސްފައިވާއިރު ގުރުއަތުން ހޮވުނު ފަރާތްތަކަށް ލުއިފުޅިއެއްވަނީ ހަދިޔާ ކޮށްފައެވެ. މާލޭގައި ގުރުއަތުލުން އޮތީ މާލޭ ހުޅަނގު ފަރާތުގައި ހުންނަ އެކުންފުނީގެ ފިހާރަ ހިމެނޭ ސަރަހައްދުގައި ހަދާފައި ވާ މޯލްޑިވް ގޭސް ޕާކުގައެވެ.