މުނިފޫހިފިލުވުން

ދީޕިކާގެ އިންސްޓަގްރާމް ފޮލޯރވަރުންގެ އަދަދު 50 މިލިއަނަށްވުރެ މައްޗަށް


ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ބަތަލާ ދީޕިކާ ޕާޑުކޯންގެ އިންސްޓަގްރާމް ފޮލޯރވަރުންގެ ޢަދަދު 50 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އެކަމުގެ އުފަލުގައި ދީޕިކާވަނީ އޭނާގެ ފޭނުންގެ ފަރާތުން ލިބެމުންދާ ހިފެހެއްޓުމެއްނެތް ލޯތްބާއި، ސަޕޯޓު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި 50 މިލިއަނަށްވުރެ ގިނަ ފޮލޯރވަރުން ލިބުމުގެ އުފަލުގައި ބައެއް ފޭނުން އެކަމަށް މަރުޚަބާ ކިޔާ ކޮށްފައިވާ ބައެއް ޕޯސްޓުތައް ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައިވެސް ހިއްސާކޮށްފައެވެ.

2007 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ދީޕިކާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ހޯދާފައެވެ. ވަކިން ޚާއްސަކޮށް ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ 3 ފިލްމެއްގައި އޭނާ ދައްކުވައިދިން އާދަޔާ ޚިލާފު މޮޅު އެކްޓިންނާއެކު އޭނާގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. މި 3 ފިލްމުވެސް ދީޕިކާ ކުޅެފައިވަނީ އޭނާގެ ފިރިމީހާ ރަންވީރު ސިންގްއާއެކުއެވެ. މިއާއެކު މި ޖޯޑުގެ މަޤުބޫލުކަންވެސް އިތުރުވެގެންދިޔައެވެ.

ދީޕިކާ އަންނަނީ އޭނާގެ ފިލްމް ރިކޮމެންޑޭޝަންތަކާއި، ކެއްކުމާއި ގޭގެތެރެ ސާފުކުރާ ފޮޓޯތަކާއި، ރަންވީރާއެކު ހޭދަކުރާ ވަގުތުތަކާއި، ފޮޓޯ ޝޫޓްތަކާއި، ދަތުރުމަތީގެ ފޮޓޯއާއި ވީޑިއޯ ދީޕިކާ ގަވާއިދުން އޭނާގެ ފޮލޯރވަރުންނާއި ހިއްސާކުރެއެވެ. ކޯވިޑް-19ގެ ސަބަބުން ބޮލީވުޑްގެ މަސައްކަތްތައް މެދުކެނޑިފައިއޮތްއިރު، އިންސްޓަގްރާމުގައި އެންމެ އެކްޓިވްކޮށް ފެންނަ އެއް ފަންނާނަކީ ދީޕިކާއެވެ.

ދީޕިކާގެ އިންސްޓަގްރާމް ފޮލޯރވަރުންގެ އަދަދު 50 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އިންޑިއާގެ އަންހެން ސެލެބްރިޓީންގެ ތެރެއިން މިވަގުތު އިންސްޓަގްރާމުގައި އެންމެ ފޮލޯރވަރުން ގިނައީ "ގްލޯބަލް އައިކޮން" އެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ. 54.6 މިލިއަން ފޮލޯރވަރުންނާއެކު ލިސްޓުގެ އެންމެ ކުރީގައި ޕްރިޔަންކާ އޮތްއިރު ދެވަނައިގައި އޮތީ ދީޕިކާއެވެ. އަދި 47.7 މިލިއަން ފޮލޯރވަރުންނާއެކު ލިސްޓުގެ 3 ވަނައިގައި އޮތީ އާލިއާ ބަޓްއެވެ.

ސެލެބްރިޓީންގެ މެދުގައި އެންމެ މަޤުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ އިންސްޓަގްރާމެވެ. މަޝްހޫރު އެތައް ފަންނާނުންނެއް އެމީހުންގެ ފޭނުންނާއި ސަޕޯޓަރުނާއި ގުޅުވައިދޭން ބޭނުންކުރާ އެއް ޕްލެޓްފޯމަކީ އިންސްޓަގްރާމެވެ. މަޝްހޫރު ތަރިން އެމީހުންގެ ބިޒީ ޝެޑިއުލުން ބޭރުން އަމިއްލަ ދިރިއުޅުމުގައި ކުރާ މުހިއްމުކަންކަން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރެއެވެ.