ޚަބަރު

ސިއްހީ މާހިރުންނަށް ގޮންޖެއްސެވި ބްރެޒިލްގެ ރައީސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބޮލްސޮނާރޯ ކޯވިޑަށް ޕޮޒިޓިވް މިވީ ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމަށް ތަކުރާރުކޮށް ސިއްހީ މާހިރުން އެދުމުންވެސް އެކަމާއި ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ. މީގެކުރިންވެސް ކޯވިޑަށް ޓެސްޓްކުރައްވާފައިވާ ބޮލްސޮނާރޯ މި ފަހަރު ޓެސްޓް ހަދާފައިވަނީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެންނެވެ. މިގޮތުން ހުން އައިސް ކެއްސާތީ ބައްޔަށް ޓެސްޓްކުރި ނަމަވެސް ބޮލްސޮނާރޯ މިއަދުވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފުއްފާ މޭ ވަރަށް ސާފުކަމަށް ޑޮކްޓަރުން ބުނިކަމަށެވެ.

ބޮލްސޮނާރޯ މިހާތަނަށްވެސް ބުނަމުން އައި ކޯވިޑް އަކީ އާދައިގެ ރޯގާއެއްކަމަށާއި މި ބަލި ބަޔަކު ބޮޑުކޮށްލައިގެން އުޅެނީ ސިޔާސީ މަގްސަދެއްގައިކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާސްކު ނަޅާ ބޮލްސޮނާރޯ މަގުމައްޗަށް ނުކުންނަވައިފިނަމަ 390 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ޤައުމުގެ ސުޕްރީމްކޯޓުންވަނީ ހުކުމްވެސް ކޮށްފައެވެ. އެހެންނަމަވެސް މި ހުކުމަށް ބެލުމެއްނެތި ބޮލްސޮނާރޯ ގެންދަވަނީ މާސްކު ބޭނުން ނުކުރައްވާ ބައެއް ހަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންވަމުންނެވެ.

މި ގޮތުން މިއަދު ކޯވިޑަށް ޓްސްޓްކުރުމުގެ ކުރިންވެސް އެ ޤަައުމުގައި ހުންނަވާ އެމެރިކާ ސަފީރާވެސް ބައްދަލުކުރައްވާފައިވަނީ މާސްކަ ނާޅުއްވައެވެ.

ކޯވިޑްގެ ނުރައްކާ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއި އެކު އެ ބަލި ފެތުރޭ ޤައުމުތަކުގެ ލިސްޓްގެ ދެވަނާގައި އޮތީ ބްރެޒިލްއެވެ. އެ ޤައުމުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު މިއަދު އެކަނިވެސް މި ބައްޔަށް އެ ޤައުމުން 17 ހާހަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި މިއަދު 537 މީހުން މަރުވެފައިވާއިރު ބްރެޒިލުން މަރުވި މީހުންގެ އަދަދު އުޅެނީ 66 ހާހުން މަތީގައެވެ.