ވިޔަފާރި

15 ޖުލައިން ފެށިގެން ވޯކް ވީޒާ އަދި އެހެނިހެން ވީޒާގައި ރާއްޖެއަށް ދަތުރުކުރެވޭނެ


ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމުން ކުރިއެކޭ އެއްގޮތަށް ވޯކް ވީޒާ އަދި އެހެނިހެން ވީޒާގައި ރާއްޖެ އަންނަ ފަރާތްތަކުން ހުރިހާ ލިޔެކިއުމެއް ހަމަކުރަންޖެހޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާރޗްމަހުގެ 27 ގައި ބަންދުކުރުމުން ބޭރު ފަރާތްތަކަށް އިމިގްރޭޝަންގެ ވެބްސައިޓުން ފެންނާނީ ޤައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތްކަމަށެވެ. ނަމަވެސް 15 ޖުލައިގައި ބޯޑަރު ހުޅުވާލުމުން އެކި ބާވަތުގެ ވިޒާތަކުގައި ރާއްޖެ އަނބުރާ އަންނަން ބޭނުންވެފައި ތިބި ފަރާތްތަކުން ކުރިއެކޭ އެއްގޮތަށް ހުރިހާ ލިޔެކިއުމެއް ހަމަކޮށް، ރާއްޖެއަށް އާދެވޭނެކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެއަރލައިންތަކުންވެސް އަދި ވޯކް، ބިސްނަސް، ޑިޕެންޑަންޓް، މެރިޖް އަދި ޓުއަރިސްޓް ވީޒާގައި ރާއްޖެ އަންނަ ބޭނުންވެފައިތިބި މީހުންގެ ސުވާލުތައް އެބަހުރިކަމަށެވެ. އަދި ކޮންމެ ވީޒާއަކަށް ބޭނުންވާނެ ލިޔެކިއުންތައް ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި، މިތަކެތި ހަމަކޮށްގެން އައުމުން ރާއްޖޭގެ އިމިގްރޭޝަނުން ކްލިއަރަންސް ލިބޭނެކަމަށެވެ.

15 ޖުލައިގައި ބޯޑަރު ހުޅުވާއިރު ޓުއަރިސްޓުންނަށް އޮން އެރައިވަލް ވިޒާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް ދެން ހުރި ވީޒާތަކަށް އެކިއެކި އެޕްރޫވަލް އަދި ލިޔެކިއުން ކުރިއާލައި ހޯދަންޖެހޭނެއެވެ. ކޯވިޑް-19 ގެ ލޮންޑައުންގެ ތެރޭގައި އިމިގްރޭޝަނުން ކުރިންވަނީ ކޯވިޑް-19ގެ ސަބަބުން ވީޒާ ފައިސާ ދައްކަން ދަތިވެފައިވާ ފަރާތްތަކާއި ވީޒާ ހެއްދުމަށް އުޒުރުވެރިވެފައިވާ ފަރާތްތަކުގެ ފީދެއްކުން ވަގުތީގޮތުން ފަސްކޮށްދީފައެވެ.

އިމިގްރޭޝަނުން އަންނަނީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީންގެ ކަންކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ބަލަމުންނެވެ. އެގޮތުން މިދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ގަވާއިދާ އެއްގޮތަށް ތިބި މީހުންގެ ތެރެއިންވެސް ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.