ޚަބަރު

އެމް.ޑަބްލިއު.އެސް.ސީން ވަކިކުރި މުވައްޒަފަކަށް "ތަހްގީގު ރިޕޯޓް" ދޫކުރަން އަމުރުކުރައްވައިފި


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި "ތަހުގީގީ ރިޕޯޓު" އެ މުވައްޒަފަށް ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު މިއަދު އަމުރުކުރައްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މިގޮތަށް އެމްޑަބްލިއުއެސްސީއަށް ޢަމުރުކުރެއްވީ، ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް މއިަދު ބޭއްވެވި އަޑުއެހުމުގައެވެ. މިއަދު ބޭއްވި އަޑުއެހުމަކީ، މިއަހަރުގެ ފެބުރުއަރީ 12ގައި ލ.ގަން، ނޫވިލާގޭ މޫސާ ނަސީމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހުއި އެމް.ޑަބްލިއު.އެސް.ސީގެ ވަޒީފާއިން އޭނާ ވަކިކުރިކަން އަންގަން ފޮނުވި ސިޓީގައި ހަވާލާދީފައިވާ އޮޑިޓް ކޮމިޓީގެ ރިޕޯޓު ހޯދުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ހުށަހަޅުއްވާފައިވާ ފޯމަށް، 21 ދުވަސް ހަމަވިއިރުވެސް އެއްވެސް ޖަވާބެއް ދެއްވާފައިނުވާތީ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުއްވުމުން ބޭއްވެވި މައްސަލައިގެ އަޑުއެހުމެއްކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ވިދާޅުވީ، އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާ ފަދަ "ދައުލަތުގެ އިދާރާ"އެއް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އެހެންކަމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މޫސާ ނަސީމް ހުށައެޅި މައްސަލައިގައި ޖަވާބުދާރީވެ، މައުލޫމާތު ދޫކުރަން ޖެހޭކަމަށް ޤަބޫލުނުކުރާކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ނިންމެވީ، އެމް.ޑަބްލިއު.އެސް.ސީއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށްވުމާއި، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކުންފުންޏަކަށް ވުމާއި، އަދި މިހާތަނަށް އެ ކުންފުންޏަކީ މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބަލަމުން އައި ތަނަކަށް ވުމާއި، އެ ކުންފުނިން އިންފޮމޭޝަން އޮފިސަރަކު ވެސް ކަނޑައަޅާފައި ވުމާއެކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީގެ ކުރިން ވެސް ޖަވާބުދާރީވެފައިވާ ކުންފުންޏަކަށް ވުމާއެކު އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ފަދަ ދައުލަތުގެ އިދާރާއެއްކަމަށްވާތީ، މޫސާ ނަސީމް އެދުނު މައުލޫމާތު ދޫކުރަން ޖެހޭނެކަމަށެވެ.

ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ވެސް މޫސާ ނަސީމަށް ކަށަވަރުވެގެން ދަނީ އޭނާއާމެދު އެޅި ފިޔަވަޅު ބިނާކުރި ގޮތުގެ ރިޕޯޓު ލިބިގެންކަމާއި އަދި އެއީ ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ކުރެވޭނެ ފަދަ މައުލޫމާތެއް ނޫން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ، އަމަލުކުރާނެ ގޮތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ މަގުން އަމަލުކުރެއްވުމުގެ ފުރުސަތު މައްސަލަ ރައްދުވާ އެމް.ޑަބްލިއު.އެސް.ސީއަށް ލިބިގެންވާނެ ކަމަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.