ވިޔަފާރި

މަނިޔަފަރު ރިސޯޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވަނީ


މަނިޔަފަރު ރިސޯޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މާލެ އަތޮޅުގައި މަހޯގަނީ ކުންފުނިން ތަރައްޤީކުރާ ރިސޯޓެކެވެ.

މަހޯގަނީ ކުންފުނިން އަލަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ މަނިޔަފަރު ރިސޯޓަކީ އެ ކުންފުނިން މިހާރު ހިންގަމުން އަންނަ ރީތި ބީޗް ރިސޯޓާއި ދާދިއެއްގޮތަކަށް ތަރައްޤީކުރާ ރިސޯޓެކެވެ. އެގޮތުން 2 ރިސޯޓުގެ ބޮޑުމިންވެސް ހުންނާނީ ދާދިއެއްވަރަކަށްކަމަށް މަހޯގަނި ކުންފުނިން ބުނެއެވެ.

މަނިޔަފަރު ރިސޯޓް ހުޅުވާއިރު އެ ރިސޯޓުގައި 110 ވިލާ ހުންނާނެއެވެ. އަދި ފަތުރުވެރިންނަށް ތަފާތު އެކި ރެކްރިއޭޝަނަލް ހަރަކާތްތައް ރިސޯޓްގައި އިންތިޒާމްކުރާނެއެވެ.

މަނިޔަފަރު ރިސޯޓަކީ، ކ.މަނިޔަފުށީ ކައިރީގައި އޮންނަ މަނިޔަފަރު ފަޅު ހިއްކަން ތަރައްޤީކުރި ރިސޯޓެކެވެ. މި ފަޅު ހިއްކާފައި ވަނީ ގާތްގަނޑަކަށް ތިންލައްކަ އަށްޑިހަ ހާސް ކިއުބިކް މީޓަރުގެ ވެލި އަޅައިގެންނެވެ.

މަހޯގަނީ ކުންފުނިން މިހާރުވެސް ރާއްޖޭގައި އަންނަނީ 2 ރިސޯޓެއް ހިންގަމުންނެވެ. އެއީ ރ އަތޮޅުގައި ހިންގާ ރީތިފަރު ރިސޯޓާއި، ބ އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓެވެ. ކޯވިޑް19 އާއި ގުޅިގެން މިވަގުތު މި ރިސޯޓްތައް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.