މުނިފޫހިފިލުވުން

"ދިލް ބޭޗާރާ"ގެ ޓްރެއިލަރއަށް 24 ގަޑިއިރުނުވަނީސް 20 މިލިއަނަށްވުރެ ގިނަ ވިއުސް


ބޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން މިހާރު އެންމެ ގިނަބަޔަކު އިންތިޒާރު ކުރާ އެއް ފިލްމަކީ "ދިލް ބޭޗާރާ" އެވެ. މި ފިލްމް އެންމެ ޚާއްސަވާ ސަބަބަކީ މިއީ ކުޅަދާނަ ތަރި ސުޝާންތު ސިންގް ރާޖުޕުތުގެ އެންމެފަހު ފިލްމަށް ވާތީއެވެ.

މި ފިލްމުގެ އޮފިޝަލް ޓްރެއިލަރ ފޮކްސް ސްޓަރ ހިންދީއިން ޔޫޓިއުބަށް އިއްޔެ ދޫކޮށްލާފައިވާއިރު، ގިނަ ބަޔަކަށް ވަނީ ފިލްމުގެ ޓްރެއިލަރ ކަމުގޮސްފައެވެ. ޓްރެއިލަރ އާއްމުކުރިތާ 24 ގަޑިއިރު ނުވަނީސް 20 މިލިއަނަށްވުރެ ގިނަ ވިއުސް ޓްރެއިލަރއަށް ލިބިފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ހިންދީ ފިލްމެއްގެ ޓްރެއިލަރއަކަށް މިވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. ޓްރެއިލަރގައި ފިލްމުގެ މެއިން 2 ކެރެކްޓަރކަމަށްވާ "ކިޒީ" އާއި ""މަނީ" އަށް ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ މުހިއްމު އިމްތިހާނުތައް ހިމެނޭހެން ފިލްމުގެ ސްޓޯރީލައިން ކުރުގޮތަކަށް ދައްކުވައިދެއެވެ.

ޓްރެއިލަރ ބެލި ގިނަ މީހުން ބުނެފައިވަނީ ސުޝާންތާއި ސަންޖަނާގެ ކެމިސްޓްރީ ވަރަށް ދިމާވާކަމަށާއި، ދެ ތަރިންގެ ފަރާތުންވެސް ފެނިގެންދަނީ އާދަޔާ ޚިލާފު މޮޅު އެކްޓިންއެއްކަމަށެވެ. ކޮންމެއަކަސް "ދިލް ބޭޗާރާ"ގެ އޮފިޝަލް ޓްރެއިލަރއާއެކު ސުޝާންތުގެ ސަޕޯޓަރުން ރޮއްވާލާފައިވާއިރު، ޓްރެއިލަރގައި ސުޝާންތުގެ ފަރާތުން އިވިގެންދާ ބައެއް ޑައިލޮގްތައް ސޯޝަލް މީޑިއާގައި މިވަނީ ވައިރަލްވާން ފަށާފައެވެ. އެންމެ ގިނަ ބަޔަކު އަޅައިގަތީ ސުޝާންތު "އައި އޭމް އަ ފައިޓަރ" މިހެން ބުނާ ތަންކޮޅާއި، ޓްރެއިލަރ ނިމޭ ހިސާބުގައި ސުޝާންތު ބޭނުންކޮށްފައިވާ ބަސްކޮޅެވެ. އެގޮތުން ދުނިޔެއަށް އުފަންވާނެ ދުވަހާއި މަރުވާނެ ދުވަހެއް ކަނޑައެޅުމަކީ އިންސާނުންގެ އިޚްތިޔާރުގައި އޮންނަކަމެއް ނޫންކަމަށް ސުޝާންތު ބުނެއެވެ. ނަމަވެސް ދުނިޔޭގައި ދިރިއުޅޭނީ ކިހިނެއްތޯ ނިންމުމުގެ އިޚްތިޔާރު އެއީ އިންސާނުންގެ އަތްމަތީ އޮންނަކަމެއްކަމަށް ސުޝާންތު ބުނެއެވެ.

ސުޝާންތު ސިންގް ރާޖްޕުތު އެންމެފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މިއީ 2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމް "ދަ ފޯލްޓް އިން އަވަރ ސްޓާރސް"ގެ ހިންދީ ރީމޭކެކެވެ. މުކޭޝް ޗަބްރާ ޑައިރެކްޓްކުރާ މި ފިލްމުންވެސް ފެނިގެންދާނީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެކެވެ. މިއީ މުކޭޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

2013 ވަނައަހަރު ރިލީޒްކުރި "ކައި ޕޫޗޭ"ގައި ސުޝާންތާއެކު ކާސްޓިންގ ޑައިރެކްޓަރެއްގެ ގޮތުގައި މުކޭޝް ވަނީ ވަރަށް ގާތުން މަސައްކަތްކޮށްފައެވެ. އަދި އޭރުއްސުރެއް އޭނާ ހުރީ ސުޝާންތާއެކު އޭނާގެ ފުރަތަމަ ފިލްމް ޑައިރެކްޓްކުރަން ބޭނުންވެފައެވެ. ނަމަވެސް ސުޝާންތާއި ނުލާ މި ފިލްމް ރިލީޒްކުރުމަކީ އޭނާ ދުވަހަކުވެސް ދެކެން ބޭނުންވި ދުވަހެއް ނޫންކަމަށް މުކޭޝް ބުނެފައިވެއެވެ.

މި ފިލްމްގައި ސުޝާންތާއި އެއްކޮށް ލީޑްރޯލުން ފެނިގެންދާނީ ސަންޖަނާ ސާންގީއެވެ. އަދި ފިލްމުގެ މުހިންމު ރޯލަކުން ސައިފް އަލީ ޚާންވެސް ފެނިގެންދާނެއެވެ. މި ފިލްމް ނެރޭ ފަރާތުން ވަނީ ސުޝާންތުގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއްވެސް ދީފައެވެ. އެގޮތުން ޑިޒްނީ ޕްލަަސް ހޮޓްސްޓަރއަށް ސަބްސްކްރައިބް ކޮށްފައިނުވާ ފަރާތްތަކަށްވެސް ހިލޭ މި ފިލްމު ބަލާލެވޭނެއެވެ. މިއީ ސުޝާންތުގެ މަސައްކަތް ފެނިގެންދާނެ އެންމެފަހު ފިލްމުކަމުން، ގިނަ ބަޔަކު ތިބީ މި ފިލްމް ބަލާލުމަށް ކެތްމަދުވެފައެވެ.