ޚަބަރު

ކޯވިޑް-19 : ފާއިތުވި ދެ ދުވަހުވެސް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ގިނަ


ރާއްޖެއިން ކޯވިޑް-19 ޖެހުނު 64 މީހަކު މިއަދު ރަނގަޅުވި ނަމަވެސް ފާއިތުވި ދެ ދުވަހު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު އިތުރުވެއްޖެއެވެ.

މިއަދު ރާއްޖެއިން 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި 16 ދިވެހިން ހިމެނެއެވެ. ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް އިއްޔެ ވެފައިވާއިރު އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 12 ދިވެހިން ހިމެނެއެވެ. މިއަދު ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 7 މީހެކެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާމީހުންގެ ޢަދަދު ދަށްވެފައި އޮތުމަށްފަހު ފާއިތުވި 3 ދުވަހުވެސް މި އަދަދު ވަނީ އިތުރުވެފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 2،468 މީހުންނެވެ. މީގެ ތެރެއިން މިހާރު ފަރުވާ ހޯދަމުންދަނީ 403 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން64 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2113އަށް އިތުރުވެފައެވެ.

ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައިމިހާތަނަށް ޓެސްޓްކުރުމަށް 56،916 ސާމްޕަލެއް ނަގާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން ހިމެނޭހެން އައިސޮލޭޝަންގައި 280 މީހުން ތިބިއިރު މިހާރު ކަރަންޓީން ފެސިލިޓީތަކުގައި 107 މީހަކު އެބަތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެ ބަލީގައި މިހާތަނަށް މަރުވެފައިވަނީ 12 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 6 ބިދޭސީންނެވެ.