ޚަބަރު

ރައީސްކަމަށް ވާދަކުރަން ކާންޔެ ކުރަންޖެހެނީ ކޮންކަމެއް؟


މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑިޒައިނަރު ކާންޔެ ވެސްޓުވަނީ ކުރިއަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް ޖުލައި މަހުގެ 4ވަނަ ދުވަހު އިޢުލާނުކޮށްފައެވެ. ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ކާންޔެ ވާދަކުރާނަމަ އަވަސް މަސައްކަތްތަކެއް ކޮށްގެންނޫނީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު އިތުރަށް ދަޢުރަކަށް ކަނާތު ފިޔައިގެ ރިޕަބުލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެއެވެ، އޭނާއާ ދެކޮޅަށް ނުކުންނަވަނީ ވައަތު ފިޔައިގެ ރިޕަބުލިކަން ޕާޓީގެ ފަރާތުން ޖޯ ބައިޑަނެވެ. އޭނާއަކީ ޓުރަންޕުގެ ކުރިން ވެރިކަންކުރެއްވި ބަރަކު އޮބާމާގެ ނައިބު ރައީސެވެ. އޮބާމާގެ ދެ ދަޢުރުގައި ބައިޑަނު ނައިބު ރައީސްކަން ކުރެއްވިއެވެ. އެމެރިކާގެ އެންމެ ބޮޑު ދެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ޓުރަންޕާއި ބައިޑަނުގެ އިތުރުން ވޯޓު ކަރުދާހުގައި ކާންޔެގެ ނަން ހިމެނުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ގޮތަކީ ކޮންމެވެސް ކުޑަ ސިޔާސީ ޕާޓީއެއްގެ ތާއީދު ހޯދުމެވެ. ދެވަނަ ގޮތަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމެވެ. ނަމަވެސް ބައެއް ބޮޑެތި ސްޓޭޓުތަކުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނަން ހުށަހެޅުމުގެ މުއްދަތުވަނީ ހަމަވެފައެވެ. އޭގެ ތެރޭގައި ނިއު މެކްސިކޯއާއި ނޯތު ކެރޮލައިނާފަދަ އިންތިޚާބު ކާމިޔާބުކުރުމަށް މުހިންމު ސްޓޭޓުތައް ހިމެނެއެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވޯޓު ކަރުދާހުގައި ނަން ހިމެނުމަށް އެތައް ހާސް ޢާންމުންގެ ސޮއި ބޭނުންވެއެވެ. ވޯޓު ކަރުދާހުގައި ހިމެނުމަށް ނަން ހުށަހެޅުމުގެ މުއްދަތު ގިނަ ސްޓޭޓުތަކުގައި އޮގަސްޓު ނޫނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ހަމަވެއެވެ. އެ މުއްދަތުގެ ކުރިން ސޮއި އެއްކުރުމަށް ތާޢީދުކުރާ ފަރާތްތަކުގެ އެހީ ހޯދަންޖެހޭނެއެވެ. ނުވަތަ ފައިސާ ދީގެން ބަޔަކު ލައްވާ އެ މަސައްކަތް ކުރުވިދާނެއެވެ. އެއީ ބޮޑު ޚަރަދެއް ހިނގާނެ މަސައްކަތެކެވެ. ކޯވިޑް-19 ފެތުރޭ ދުވަސްވަރެއްގައި އެ މަސައްކަތް ކުރުމަށްވެސް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. އޭގެ އިތުރުން ދެން އޮތް ހަމައެކަނި ގޮތަކީ ކާންޔެއަށް ތާޢީދުކުރާ މީހުން ވޯޓު ކަރުދާހުގައި އަމިއްލައަށް އޭނާގެ ނަން ޖަހައި ފާހަގަލުމެވެ. އެއީ މީގެ ކުރިންވެސް އެމެރިކާގެ އިންތިޚާބުތަކުގައި ކުރާ ކަމެކެވެ.

މަޝްހޫރު ތަރި ކިމް ކާޑޭޝިއަންނާ ކައިވެނިކޮށްގެން އުޅޭ ކާންޔެ މީގެ ކުރިންވެސްވަނީ ރައީސްކަމަށް ވާދަކުރާނެކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އެ ފަހަރު އެއްވެސް ރަސްމީ ލިޔެކިޔުމެއް ހުށަހަޅާފައެއް ނުވެއެވެ. މި ފަހަރުވެސް އިންތިޚާބުގައި ބައިވެރިވުމަށް ކާންޔެ އެއްވެސް ރަސްމީ ލިޔެކިޔުމެއް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.

ކާންޔެއަކީ ރައީސް ޓްރަންޕަށް ވަރަށް ބޮޑަށް ތާއީދުކުރާ ތަރިއެކެވެ. 2018ވަނަ އަހަރު އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ޒިޔާރަތްކޮށް އޭނާވަނީ ޓުރަންޕާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި އޭނާއަށް ދިމާވެފައިވާ ޞިއްޙީ މައްސަލަތަކާއި އޭނާގެ ބައެއް ޤަބޫލުކުރުންތައްވަނީ ޙިއްޞާކޮށްފައެވެ. އޭގެ 3 ހަފުތާ ފަހުން އޭނާވަނީ ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމަށް ނަހަމަގޮތުގައި އޭނާގެ ބޭނުންކޮށްފައިވާކަމުގެ ތުހުމަތުކޮށް ސިޔާސީ ކަންކަމާ ދުރަށްޖެހެން ނިންމައިފައެވެ.

ވަރުގަދަ ކެމްޕެއިނަކާއެކުވެސް ކާންޔެއަށް އިންތިޚާބުގައި ލިބޭނެކަމަށް ބެލެވެނީ ވޯޓުގެ ވަރަށް ކުޑަ މިންވަރެކެވެ. ރަސްމީކޮށް އޭނާ ރައީސްކަމަށް ވާދަކުރާނެކަމަށް ޤަބޫލުކުރަން ގިނަ ޢަދަދެއްގެ މީހުންނަށްވަނީ ދަތިވެފައެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ލިބޭ ވަގުތު ފާއިތުވެފައިވާކަމަށާއި ޕާޓީއެއްގެ ބޭރުން ވާދަކުރުމަކީ ކާންޔެ އަދި އެ ނޫން މީހަކަށްވެސް އުނދަގޫ އަދި އަގުބޮޑު މަސައްކަތަކަށްވާނެކަމަށެވެ.