ޚަބަރު

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޑޮކްޓަރުންގެ ޚިދުމަތް


ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު  ހެލްތު މިނިސްޓްރީގެ ދަށަށް މިހާރު ބަދަލުވުމުން ކުރިޔަށްއޮތްތާނގާއި އައިޖީއެމްއެޗްގެ ޑޮކްޓަރުނާއި އެހެނިހެން ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.މީޑިޔާއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ ގުރައިދޫ ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތް ހަރުދަނާކުރައްވަން ބޭނުންފުޅުވާކަމަށެވެ. އެގޮތުން އެމަރުކަޒަށް ޞިއްޙީދާއިރާއިން ލިބިދޭންޖެހޭ ޚިދުމަތްތަކެއް އެބަހުރިކަމަށާ އޭގެ ތެރޭގައި ޑޮކްޓަރުންގެ ޚިދުމަތާ ކައުންސިލިންފަދަ އެހީތައް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ގުރައިދޫ ޞިއްޙީ މަރުކަޒަށް ފޯރުކޮށްދޭންޖެހޭ އެހީތައް ދެނެގަނެވި މިހާރު އެކިއެކި ފަރާތްތަކާ މަޝްވަރާކުރެވިފައިވާކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.ގުރައިދޫ ގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މަރުކަޒު ކުރިންއޮތީ ލޯއެންޑް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައެވެ. ލޯ އެންޑް ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވީ އެމިނިސްޓްރީގެ ދަށުން ގުރައިދޫ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މައިގަނޑު އަސާސަކީ، މިދިޔަ އަހަރު ބޭރުގެ އެކްސްޕާޓުންތަކެއް ގެނެސް ހެދި އެސެސްމެންޓްގައި މިމަރުކަޒަކީ މެންޓަލްކެއާރ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުށައަޅާފައިވާތީކަމަށެވެ.