ޚަބަރު

"ފަތޮޅު" ބޯޓް އޮޔާދަނިކޮށް ފެނިއްޖެ


މާލެއިން ފުރައިގެން ހއ.ދޮނަކުޅިއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަކަމަށް ރިޕޯޓްކޮށްފައިވާ "ފަތޮޅު" ބޯޓް ބަންޑުންޖަހާލައި އޮޔާދަނިކޮށް ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓު އޮޔާދަނިކޮށް ފެނިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ލޯންޗަކަށް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބަނޑުންޖަހާލާފައިވާ މި ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ވާގޮތަށްކަމަށް މަޢުލޫމާތު ލިބޭކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ޚާއްޞަކޮށް ރޭގަނޑު އެސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެއިން ފުރައިގެން ހއ.ދޮނަކުޅިއަށް ދަތުރުކުރި "ފަތޮޅު" ބޯޓް އިންޖީނު ހުއްޓި ކ.ކާށީދޫކަނޑުތެރެއަށް އަޑިޔަށް ގޮސް އެބޯޓުން ދަތުރުކުރި 5 މީހުން ކަނޑުވެފައި ވަނިކޮށް އެމްއެންޑީއެފުން އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މާފިލާފުއްޓަށް ގެންގޮސްފައިވަނީ މިއަދު މެންދުރުއެވެ. އަޑިޔަށްދިޔަ މިބޯޓުގައި ތިބީ 4 ދިވެހިންނާއި 1 ބިދޭސީއަކު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެބޯޓު އަޑިޔަށްގޮސްފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ، ކ.ކާށިދޫގެ އުތުރުން 9 މޭލު ބޭރުގެ ސަރަހައްދަކަށް ކަމަށެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 12:29ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ބޯޓް އަޑިޔަށްދިޔަކަމަށް ރިޕޯޓް ލިބިފައިވަނީ އިންޖިންހުއްޓިގެން ބޯޓު އެއްފަރާތަކަށް އަރިއަޅާލައިގެންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަޑިއަށްދިޔަ "ފަތޮޅު" ބޯޓަކީ ރާޢްޖޭގެ ލޮޖިސްޓިކްސް ކުންފުނީގެ ބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.