ޚަބަރު

ކޯވިޑް-19 : ނުރައްކާބޮޑު ފިޔަވަޅުތައް ހަރުކަށި ކުރައްވާ


ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކާއިއެކު އަނެއްކާވެސް ބަލި ފެންނަ މިންވަރު އިތުރުވަމުންދާކަަމަށް ވިދާޅުވެ، އަލުން ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިޢާޔަތް ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލުއިދިންފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ކުރިންވެސް އެޅި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރައީސް މައުމޫންވަނީ ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ލުއިދޭން ފަށާފައިވާއިރު މިމަހުގެ ފާއިތުވެދިޔަ 3 ދުވަހު ބަލި ޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. ބަލި މިހާރު ފެންނަމުންދާ ތަންތަނުގެ ގޮތުންނާއި ފެތުރެމުންދާ ގޮތަށް ބަލާއިރު ބަލީގެ ނުރައްކާ އަނެއްކާވެސް އިތުރުވެގެން ދިއުމަކީ އެކަށީގެންވާކަމެއްކަމަށް ސިއްޚީ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗުންވެސް ގިނަބަޔަކުޔ ޕޮޒިޓިވްވެފައިވާއިރު، ފިޔަވަތިންވެސް ކޭސްތަކެއްވަނީ ފެނިފައެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑޜ.ނަޒްލާ ރަފީގް ވިދާޅުވީ ބަލީގެ ނުރައްކާ އަދިވެސް ރާއްޖެއަށް ކުޑަނުވާކަަމަށެވެ. އަދި މިކަމުގައި ހުރިހާ ރައްޔިތުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.