ވިޔަފާރި

އެމިރޭޓްސްގެ ކާގޯ ދަތުރުތައް ރާއްޖެ ހިމެނޭހެން 100 މަންޒިލަކަށް ފަށަނީ


އެމިރޭޓްސްގެ ކާގޯ ދަތުރުތައް ރާއްޖެ ހިމެނޭހެން 100 މަންޒިލަކަށް ފެށުމަށް ނިންމައިފިއެވެ.

އެމިރޭޓްސްއިން ބުނީ ރާއްޖެ ހިމެނޭހެން ފަށާ ކާގޯ ދަތުރުތައް މިމަހު ފަށާނެކަމަށެވެ. ރާއްޖޭގެ އިތުރުން ކާގޯ ދަތުރުތައް އަލަށް ފަށާ ސިޓީތަކުގެ ތެރޭގައި ގްރީސްގެ އެތެންސް، އަލްޖީރިއާގެ އަލްޖިއާސް، އެމެރިކާގެ ލޮސް އެންޖެލެސް، ރަޝިޔާގެ މޮސްކޯ، އިޓަލީގެ ރޯމް އާއި ތޫނިސްވެސް ހިމެނެއެވެ.

އެމިރޭޓްސްއިން ބުނީ އިތުރު މަންޒިލްތަކާއެކު 100 މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމީ އެއަރ ކާގޯއަށް އޮންނަ ޑިމާންޑް ބޮޑުވުމުންކަމަށެވެ. އަދި ކާގޯ ދަތުރުތަކާއެކު ކޯވިޑްއާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ތަކެއްޗާއި، އިޤްތިޞާދީ އެހެނިހެން ހަރަކާތްތަކަށް ބޭނުންވާ މެޝިނަރީޒްއާއި އާލާތްތައްވެސް ޤައުމުތަކަށް ފޯރުކޮށްދެވޭނެކަމަށް އެމިރޭޓްސްއިން ބުނެއެވެ.

ޝެޑިއުލް ކާގޯ ފްލައިޓްތަކުގެ އިތުރުން، އެމިރޭޓްސްއިން ގެންދަނީ ޗާޓަރ ފްލައިޓްތަކުގައިވެސް ކޯވިޑްއާ ގުޅިގެން ބައެއް ޤައުމުތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ތަކެތި ފޯރުކޮށްދެމުންދާކަމަށްވެސް އެމިރޭޓްސްއިން ބުނެއެވެ.

ކޯވިޑްއާ ގުޅިގެން ބައެއް އެއަރލައިންތަކުގެ ކާގޯއާއި ޕެސެންޖަރ ފްލައިޓްތައް މެދުކަނޑާލާފައި އޮތުމަށްފަހު ދަނީ އަލުން ފަށަމުންނެވެ. އަދި ރާއްޖެއަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއަރލައިންތަކުން ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.