ޚަބަރު

ކޯވިޑް-19: އައިޖީއެމްއެޗްއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 15އަށް


އައިޖީއެމްއެޗުން މިހާތަނަށް 15 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ އައިޖީއެމްއެޗްއިން މިއަދު އެކަނިވެސް 4 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެ ހޮސްޕިޓަލްއިން ޑިސްޗާރޖް 2 ބަލި މީހުންނާއި 2 މުވައްޒަފުންކަމަށެވެ. މިއާއެކު މިހާތަނަށް ހޮސްޕިޓަލުގެ 6 މުވައްޒަފަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 7 ބަލި މީހުންނާއި ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި 2 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

"ބަލި ދެމީހުންނަށް ފަރުވާ ދީފައިވަނީ އީއެންޓީ ވޯޑުން. އިންޑޮނޭޝިއާ މީހާ ޕޮޒިޓިވް ވުމުން އައިސީޔޫގައި ފުރަތަމަ ކޮންޓެންޓް ޓްރޭސިން ހެދީ. އައިސީޔޫގައި ހުރި ބެޑްތަކުގައި ތިބި ބައެއް ބަލީ މީހުންނައި އެހެން ވޯޑްތަކަށް ބަދަލު ކުރި މީހުން ޓޭސްތް ކުރި. މީގެ ތެރޭގައި އީންޓީ ވޯޑްއަށް ބަދަލު ކުރި މީހުން ޕޮޒިޓިވްވި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރުވެސް މި މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 300 އަށް ވުރެ ގިނަ ސާމްޕަލްތައް ނަގައި އިތުރު ބަޔަކު ޓެސްޓްކުރަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން ކޯވިޑް-19 ގެ ކޭސްތައް ފެންނަން ފަށާފައިވަނީ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުންދިޔަ އިންޑޮނޭޝިއާ މީހާކު މަރުވިއިރު އޭނަ އެ ބައްޔަށް ޕޮޒިޓިވްވުމާ ހިސާބުންނެވެ. އައިޖީއެމްއެޗްގެ އިތުރަށް ޓްރީޓޮޕް ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ކޯވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ.