ޚަބަރު

ކޯވިޑް-19 : ސިފައިން ޚިދުމަތް ކޮށްފައިވަނީ ފުރާނައަށްވުރެ ޤައުމު އިސްކޮށްގެން - ރައީސް


ކޯވިޑް-19ގެ ޙާލަތުގައިވެސް ދިވެހި ސިފައިން މަސައްކަތްކޮށްފައިވަނީ އަމިއްލަ ހަށިގަނޑާއި ފުރާނައަށްވުރެ ޤައުމު އިސްކޮށްގެންކަމަށާ، ސިފައިންގެ ޚިދުމާމެދު އެއްވެސް ރައްޔިތަކު ޝައްކު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ސިފައިން ކުރައްވަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރެއްވުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ މިއަހަރު ފެށުނީއްސުރެ މުޅިގައުމު އެކީ ކުރަމުންމިދާ މަސައްކަތުގައި އެންމެބޮޑު ބައިވެރިވުމެއް ލިބެމުންދަނީ ސިފައިންގެ ފަރާތުންކަމަށެވެ. ކޯވިޑް-19އާއެކު ރާއްޖެއަށް ދިމަވި ދަތި އުދަގޫ އަދި ގޮންޖެހުންބޮޑު މަސައްކަތުގައި ދިވެހި ސިފައިން ދައްކާދީފައިވަނީ ސާބިތުކަމާއި ހިތްވަރާއި ވަޠަނީ ލޯބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"މާތްﷲގެ ވާގިފުޅާއެކު އެހުރަސްތައް ގިރާކޮށް މިއަދު މިޙާތަލަށް އާދެވުމުގައި ސިފައިންގެ ދައުރު ވަރަށްބޮޑު. ކޯވިޑް-19ގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހަރަކާތްތެރިވި އެކި އިދާރާތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މުވައްޒަފުން އެއްމުވައްސަސާއަކުން ބައިވެރިވެފައިވަނީ ސިފައިންގެ ތެރެއިން. ކަރަންޓީން ފެސިލިޓީ ޢިމާރަތްކުރުމާއި، އެތަންތަނަށް މީހުން އުފުލުމުގައި ވަރަށް މުހިންމު ދައުރެއް ވަނީ އަދާކުރައްވާފަ. ވަކިން ޚާއްސަކޮށް ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް އަޅުގަނޑު ފާހަނގަކުރަން. ވަރަށްކުރު މުއްދަތެއްގެ ތެރޭގައި އެތަނުގެ މައްސަކަތް ނިންމިކަމީ ޤައުމަށް ދިމާވާ މިފަދަ ކަންކަމުގައި ތިބޭފުޅުންގެ ޤުރުބާނީ ހާމަވާކަމެއް" ސިފައިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ސިފައިންނަކީ އެންމެ ކުރީސަފަށް ނުކުމެ މަސައްކަތްކުރާ ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތްތަކުގައި ސިފައިންގެ ފަރާތުން އާދަޔާޚިލާފް އެއްބައިވަންތަކަމާއި އެޚުވަންތަކަން ފެންނަމުންދާކަމާއި ސިފައިންދޭ ކޮންމެ ޚިދުމަތަކާއެކު އެމީހުންގެ ޢާއިލާތަކުން ވާގުރުބާނީ ފާހަނގަކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ. އަދި އެމަނިކުފާނުވަނީ ސިފައިންގެ ޢާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖެ ތަރައްޤީކުރުމުގައި ކުރިއަށްދަނީ ދިފާއީ މައިތަބަކީ އަސްކަރިއްޔާ ކަމުގައި ބަލައިގެން. ސިފައިންނަކީ ޢިލްމީގޮތުންނާއި، ފަންނީގޮންވެސް އަދި ޖިސްމާނީ، ނަފްސާނީ ސިފަވަންތަ ބަޔަކަށް ހެދުމަސްވަރަށް ޚާއްސަ ސަމާލުކަމެއްދެން. ސިފައިންގެ ވެލްފެއާގެ ކަންތައް މިހާރަށްވުރެއް ހަރުދަނާ ގޮތެއްގައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. އޭރުގެ ސިފައިންގެ ޚިދުމަތް މިހާރަށްވުރެ ފުރިހަމަށް ލިބޭނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިގެ މިޚިދުމަތް ދިނުމުގައި އެންމެ އިސްބޭފުޅަކަށް ހުންނެވި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ޗީފްއޮފް ޑިފެންސްފޯސް މޭޖާޖެރަލް އަބްދުﷲ ޝަމާލާއި، ސިފައިންގެ އިސްބޭފުޅުންނަށާއި، ހުރިހާ ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.