ޚަބަރު

ކޯވިޑް-19 : ކޮމިއުނިޓީ ސްޕްރެޑް ހުއްޓުވުމުގައި އެންމެބޮޑު މަސައްކަތެއް ކުރެއްވީ ފުލުހުން - ރައީސް


ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި އެންމެބޮޑުވި ވަގުތުގައިވެސް މުޖުތަމައުގައި ބަލިފެތުރިގެން ދިޔަނުދިނުމަށް އެންމެބޮޑު މަސައްކަތެއް ކުރެއްވީ ދިވެހި ފުލުހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތުގައި ދިވެހި ފުލުހުން ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރައްވައި ޝުކުރު އަދާކުރެއްވުމަށް އިސްކަންދަރު ކޮށީގައި ފުލުހުންނާ، ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޙާލަތުގޯސްވެ، މުޖުތަމަޢުގައި ބަލި ފެތުރިގެން ދިއުމުގެ ނުރައްކަލާއި ބިރުވެރިކަން އޮތީ މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭންސީން ދިރިއުޅޭ ތަންތަނުގައިކަމަށެވެ. ކުރިން އަންދާޒާކުރެވުނު ގޮތާ، ޚިލާފަށް މިތަންތަނުގައި ތިބި ބިދޭސީން އެހެން ފެސިލިޓީތަކަށް ބަދަލުކޮށް މިމަސައްކަތް ކުރެއްވީ ފުލުހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މާލޭގެ ކުދިކުދި ތަންތަން ކޮޅުގައި ތޮއްޖެހިގެންއުޅޭ ބިދޭސީންގެ ސަބަބުން ކޮމިއުނިޓީ ސްޕްރެޑެއް ފެތުރުމުގެ ނުރައްކާ އޮތީ ބޮޑުވެފަ. ނަމަވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަނުދީ ހިފެހެއްޓުނީ ވަކި އިންތިޒާމުތަކެއްގެ މަތީން ފުލުހުން އެމީހުން ތަންތަނަށް ބަދަލުކޮށް ކުރެއްވި މަސައްކަތުން. މިކަމަށްޓަކައި ދިވެހި ފުލުހުންނަށް ސަބާހާއި އައްސަރިބަސް ރައްދުކުރަން" ރައީސުލްޖުހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އާ ދެކޮޅަށް ކުރެވުނު މަސައްކަތުންނާއި، އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރޭ ނިސްބަތް ކުޑަވެފައިވާކަމަށެވެ. ނަމަވެސް އަދިވެސް ބަލީގެ ނުރައްކާ އެއްވެސް މިންވަރަކަށް ކުޑަނުވާކަމަށާ، މިކަމުގައި ފުލުހުންގެ ޒިންމާ އަދިވެސް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށާއި، އަދި ފުލުހުންގެ އާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި، ކަމިޝަނަ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ފުލުހުންގެ އިސްވެރިން ކުރެއްވި މަސައްކަތަށްވެސް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ކޯވިޑް-19އާ ގުޅިގެން ކަރަންޓީން ކުރުން، ފެސިލިޓީތައް ބެލެހެއްޓުން، ހުރިހާ ރަށެއްގެ މޮނިޓަރިންގެ ކަންކަން ބެލެހެއްޓުން، މިކަންކަމަކީ ފަސޭހަ ކަމެއްނޫން. ކޯވިޑް-19އާ ގުޅޭ ހުރިހާ ބާވަތެއްގެ ކަންކަތަކުގައި ފުލުހުންގެ ބައިވެރިވުންބޮޑު. މިހާލަތގައިވެސް ފުލުހުންވަނީ ގައުމީ ވާޖިބް ވަރަށް ފުރިހަމައަށް އަދާކުރައްވާފަ. އެކަމަށްޓަކައި ފުލުހުންގެ ހުރިހާ ރޭންކްރތަކަށް ޝާމިލްވާ ގޮތަށް ދިވެހި ފުލުހުންނަށް ޝުކުރު އަދަކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގައި ކުރިއަށްދިޔަ މިރަސްމިޔާތަކީ ކޯވިޑް-19އާ ގުޅިގެން ދިވެހި ފުލުހުން ކުރެއްވި އަދި މިހާރުވެސް ކުރައްވަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ބޭއްވި ޚާއްސަ ރަސްމިއްޔާތެކެވެ.

ޢާންމު

ތިންވަނަ އަށް އެންމެ ބުރަ މަސައްކަތެއް ކުރީ އާންމުން...