ޚަބަރު

ކޮވިޑް-19 އަށް 150 އަށް ވުރެ ގިނަ ޓެސްޓު ދުވާލެއްގެ މައްޗަށް އައްޑޫއިން މިހާރު ހެދޭނެ : އޭއީއެޗް


އައްޑޫގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޓެސްޓު ހެދޭނެ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުގައި ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓު ހަދަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ހަދަން ފެށީ، ބަޔޯފަޔަރ ރެޕިޑް ޕީސީއާރު ޓެސްޓެވެ. އެ މެޝިނުން ދުވާލެއްގެ މައްޗަށް 24 ޓެސްޓު ހެދެއެވެ. މީގެ އިތުރުން ދާދި ފަހުން ޑަބްލިއު އެޗްއޯއިން ރައްޖޭ އަށް ހަދިޔާކުރި، ޖީން އެކްސްޕާޓް މެޝިންގެ ކާޓްރިޖްވެސް ލިބިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، ޕީސީއާރު މެޝިން ބޭނުން ކުރަން ފެށުމާއެކު ޓެސްޓު ކުރުމުގެ ޤާބިލްކަން އިތުރުވެގެން ދިޔަކަމަށެވެ. އަދި މިމެޝިނުން ދުވާލަކަށް 100 ޓެސްޓް ހެދުމަށްފަހު މިހާރު ދުވާލެއްގެ މައްޗަށް ޓެސްޓް ހެދޭ މިންވަރު 150 އަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އައްޑޫގައި ޕީސީއާރު ޓެސްޓު ކުރެވެން ފެށި ފަހުން މިހާތަނަށް މުޅިއެކު 250 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާާ ކަމަށް އޭއީއެޗް އިން ބުނެއެވެ. މީއީ އައްޑޫގައި ކަރަންޓީނު ކުރެވިފައި ތިބި ފަރާތްތަކުގެ ޓެސްޓްތައް ކަމަށާއި، ފުވައްމުލަކު ސިޓީން ލިބުނު ބައެއް ސާމްޕަލް ތައް ވެސް ޓެސްޓު ކުރެވުނު ކަމަށް އޭއީއެޗް އިން ބުނެއެވެ.

އައްޑޫގައި މިޓެސްޓް ކުރެވެން ފެށުމާއެކު ބައެއް ސާމްޕަލް ހުރި މިންވަރަށް ބަލައި ބައެއް ފަހަރު ސާމްޕަލް ތައް މާލެއަށް ފޮނުވާލާން ޖެހުނު ނަމަވެސް ސާދާތު ވިދާޅުވީ މިހާރު ކެޕޭސިޓީ އިތުރުވުމާ ގުޅިގެން ޓެސްޓް ކުރަން ކުރިން ދިމާވި މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ސަރުކާރުން ދަނީ ހަމަ ޖައްސަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް މިބައްޔަށް ޓެސްޓު ކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން ޖީއެކްސްޕާޓް މެޝިން ބޭނުން ކޮށްގެން އިތުރު 6 ރަށެއްގައި ޓެސްޓު ކުރުމުގެ އިންތިޒާމު ސަރުކާރުން ދަނީ ހަމަ ޖައްސަމުންނެވެ.

ބަނޑޭ

ތިޔާ ފަދަ ޚަބަތުތަކަކީ ތެދު ޚަބަރުކަމަށް ޤަބޫލް ކުރެވޭކަށްނެތެވެ.