ޚަބަރު

ގދ ތިނަދޫއަށް އާދަޔާއި ޚިލާފަށް ބޮޑަށް އުދައަރައިފި


ގދ ތިނަދޫއަށް އާދަޔާއި ޚިލާފަށް ބޮޑަށް އުދަ އަރައި ބައެއް ގެއްލުންތައް ލިބިއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، ތިނަދޫއަށް އުދަ އަރަން ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރުން ފެށިގެން ކަމަށާއި މިހާރު ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށެވެ. މިގޮތުން މެންދުރު ފަހު 2:30 ވީއިރު ރަށުތެރެއަށް ވަރަށް ބޮޑަށް ލޮނުގަނޑު ފެތުރިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، ރަށުގެ ބަނދަރުގެ އެއްގަމު ތޮށިމަތިން ރާޅުއަރައި، ރަށުގެ ބޮޑު ސަރަހައްދަކަށް ލޮނުގަނޑު ފެތުރުފައިވާ ކަމަށެވެ. މިގޮތުން އެރަށުގައި އަޅާފައިވާ ދަރުބާރުގެ އާއި ހަމައަށް ލޮނުގަނޑު އަރާފައި ވާއިރު، ބަނދަރާއި އެއިމާރާތާއި ދެެމެދު 850 ފޫޓުވަރުގެ ދުރުމިން ހުންނާނެ ކަމުގައި އަމްޖަދު ވިދާޅުވިއެވެ. އަދި ތިނަދޫ ކައުންސިލް އިދާރާ، އާއު ޑރ އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އެސަރަހައްދުގައި ހުރި މިސްކިތުގެ ގޯތިތެރެއަށާއި ދަނާލުގެ ގޯތިތެރެއަށްވެސް ލޮނުގަނޑުވަދެފައިވާ ކަމުގައި އަމްޖަދު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، ތިނަދޫގެ ބައެއް ދިމަދިމާއިން 850 ފޫޓާއި 400 ފޫޓާއި ދެމެދުގެ ދުރު މިނަކަށް އެއްގަމަށް ލޮނުގަނޑު ފެތުރިފައިވާކަމަށެވެ.

އަމްޖަދު ވިދާޅުވީ، އުދައަރަމުންދާތީ، އަތޮޅުފެރީއަށް މީހުންނަށް އަރައިފޭބުން ދަތިވެގެން، ފެރީއަށް މީހުން އަރުވަންވެސް ބޭނުން ކުރަންޖެހުނީ ލޯޑަރެއް ކަމަށެވެ.

"މިރަށަކީ އާއްމުކޮށް މިމޫސުމުގައި އުދައިގެ އަސަރު ކުރާ ރަށެއް. އެކަމަކު މިއަދު އާދަޔާއި ޚިލާފަށް ބޮޑަށް އުދައަރަމުން ދަނީ. ލޯންޗުފަހަރާއި އޮޑިދޯނިފަހަރުގެ ފަޅުވެރިން އުޅަނދުތައް ސަލާމަތްކުރުމަށް ވަނީ މަސައްކަތްކޮށްފައި. އެހެންނަމަވެސް އުދަ ބޮޑުވެ ދޯނިތައްވެސް ބަނދަރުގެ އެއްގަމުތޮށީގައި ޖެހޭތީ ކުދިކުދި ގެއްލުންތައް ވެފައި ވަނީ." ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް މިހާރު ބަލަމުން ގެންދާ ކަމަށެވެ.

ތިނަދޫއަށް އާދަޔާއި ޚިލާފަށް އުދައެރުމާއި ގުޅިގެން އެރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ބައެއް ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ.

ތިނަދޫގެ ބަރާސިލް ސަރަހައްދަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމުގައި އެރަށުން މައުލޫމާތު ލިބިފައިވެއެވެ.

ގދ ތިނަދޫއަށް އުދަ އަރާ އެއް ސަބަބަކީ އެރަށުގެ ބަދަރުގައި ބޭރުތޮއްޓެއް ނެތުމާއިި ފަސްގަނޑު ތިރިރަށަކަށްވުން ކަމުގައި ތިނަދޫ ކައުންސިލުން ފާހަގަކުރެއެވެ.