ކުޅިވަރު

ރަތްކާޑެއް ނުހޯދައި 83 މެޗު ފުރިހަމަކުރުމުގެ ރެކޯޑް ޗެލްސީ ހާސިލްކޮށްފި


އިނގިރޭސި ޕްރެމިއާ ލީގުގައި ރަތްކާޑެއް ނުހޯދައި 83 މެޗު ފުރިހަމަކުރުމުގެ ރެކޯޑް ޗެލްސީ ހާސިލްކޮށްފިއެވެ.

އެ ޓީމުން މި ރެކޯޑް ހާސިލްކުރީ ޕްރެމިއާ ލީގުގައި ވަޓްފޯޑުގެ މައްޗަށް ރޭ 3-0 އިން މޮޅުވި މެޗާއެކުގައެވެ.

މި މެޗުގައި ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން ވިލިއަން އާއި އޮލީވިއާ ޖީރޫޑް އަދި ރޮސް ބާކްލޭ އެވެ. މި މެޗަށް ފަހު ކޯޗު ފްރޭންކް ލަމްޕާޑު ބުނީ ގަދަ ހަތަރެއްގައި ނިންމާލުމަށް ޗެލްސީން ޕްރެޝަރުގައި ކުޅެން ދަސްކޮށް ވިސްނުންތެރިކަމާއެކު ކުޅެން ޖެހޭ ކަމަށެވެ. މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ތިން ވަނާގައެވެ.

ލީގުގައި މީގެ ދެ ދުވަސްކުރިން ވެސްޓްހޭމް އަތުން ބަލިވި މެޗަށް އިޝާރާތްކުރަމުން ލަމްޕާޑު ބުނީ ޗެލްސީ އަކީ ގަދަ ހަތަރަކަށް ވާދަކުރާ ޓީމެއްކަން ދެނެގެން ކުޅުންތެރިން ކުޅެންޖެހޭ ކަމަށާއި ލީގުގެ ފަހު މެޗުތަކަކީ ވަރަށް ޕްރެޝަރު ބޮޑު މެޗުތަކެއް ނަމަވެސް ޕްރެޝަރުގައި ކުޅުމުގެ ޗެލެންޖް ގަބޫލުކުރަންޖެހޭ ކަމަށެވެ.

ލަމްޕާޑު ބުނީ ޗެލްސީ ވަރުގަދަ ކުރުމަށް މިހާރު ފަށާފައިވާ ކެމްޕޭނާމެދު ހިތްހަމަޖެހޭ ކަމަށާއި ޓީމަށް އަދިވެސް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.