ކުޅިވަރު

ސެރީއާގެ ރެކޯޑް ބުފޮން އަށް


އިޓާލިއަން ސެރިއާގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ޔުވަންޓަސްގެ ކީޕަރު ޖިއާން ލުއިޖީ ބުފަން ހާސިލްކޮށްފިއެވެ.

އުމުރުން މިހާރު 42 އަހަރުގެ ކީޕަރު މި ރެކޯޑް ހާސިލްކުރީ ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗާއެކު ޖުމުލަ 648 މެޗު ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ އޭސީ މިލާނާއި އިޓަލީގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީގެ އަތުގައެވެ. އެއީ 647 މެޗާއެކުގައެވެ. ދުނިޔެދެކެފައިވާ އެންމެ މޮޅު ވާތުބެކް ކަމަށްވާ މަލްޑިނީ ވަނީ 1984 ވަނަ އަހަރުން ފެށިގެން 2009 އަށް މިލާނުގައި ކުޅެފައެވެ.

ބުފޮން އޭނާގެ ކެރިއަރު ފެށީ އިޓަލީގެ ޕާމާއިންނެވެ. އެކުލަބަށް 1995 އިން 2001 އާ ދެމެދު 168 މެޗު އޭނާ ކުޅެދީފައިވެއެވެ. އޭގެ ފަހުން ޔުވެންޓަސް އަށް ބަދަލުވެ މިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން އެކުލަބަށް 480 މެޗު އޭނާ ވަނީ ކުޅެދީފައެވެ.

މި ރެކޯޑް ހާސިލްކުރެވުމުން ބުފޮން ބުނީ މިއީ ފުޓްބޯޅަ ކުޅެން ފެށިއިރު ހިޔާލަށް ވެސް ނުގެނެވޭ ކަމެއް ކަމަށެވެ. އަދި މިފަދަ ހިސާބަކަށް ކާމިޔާބު ކެރިއަރަކާއެކު ވާސިލްވެވެމުން އުފާކުރާ ކަމަށާއި އެންމެ ބޮޑު ޝުކުރެއް އޮތީ އޭނާގެ ސަޕޯޓަރުންނާއި އޭނާ ކުޅުނު ކުލަބުތަކާއި އެކުލަބުތަކުގެ ވެރިންނާއި އެކުގައި ކުޅުނު ކުޅުންތެރިންނަށް ކަމަށެވެ.