ޚަބަރު

އައު ޢާއްމު ޙާލަތުގައި ސަރުކާރުގެ އޮފީސްތައް ހުޅުވާލައިފި


ކޯވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވާންދެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، އައު ޢާއްމު ޙާލަތުގެ ފިޔަވަޅުތަކާއި އެކު ސަރުކާރުގެ އޮފީސްތައް މިއަދުން ފެށިގެން ހުޅުވައިފިއެވެ. މިޙާލަތުގައި ސަރުކާރު އޮފީސްތައް ކުރިއެކޭއެއްގޮތަށް ހެނދުނު 8 އަކުން މެންދުރުފަހު 2 ޖެހުމާ ހަމައަށް ހުޅުގައި ޚިދުމަތްތައް ދެމުންދާނެ ކަމުގައި ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ބަންދުކުރުމަށްފަހު ހުޅުވުމުގެ ހުއްދަ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދެއްވާފައެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢާއްމު ވިޔަފާރިތަކާއި އޮފީސްތައް ހުޅުވާފައި ވީނަމަވެސް ސަރުކާރުގެ އޮފީސްތައް މިދިޔަ ހަފްތާގައި ހުޅުވާފައި ވަނީ ކޯވިޑްގެ ޙާލަތުގައި އޮތް ގޮތަށެވެ.

އެހެންނަމަވެސް މިއަދުން ފެށިގެން ރަސްމީގަޑިކަމުގައިވާ ހެނދުނު 8 އަކުން މެންދުރުފަހު 2 ޖެހުމާހަމައަށް ހުޅުވާ ޚިދުމަތްދޭން ވަނީ ފަށާފައެވެ. ރާއްޖޭގައި ކޯވިޑް-19ގެ ސަބަބުން މާޗްމަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި އެހެނިހެން އޮފީސްތައް ހުޅުވަފައިމިވަނީ 3 މަސްދުވަހަށްފަހުގައެވެ.

ގިނަ ދުވަސްތަކަކަށްފަހު ޢާއްމު އުސޫލާއެއްގޮތަށް އޮފީސްތައް ހުޅުވާފައިވާ މިދަނޑިވަޅުގައިވެސް ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންނަށް ވަނީ ލުއިތަކެއްވެސް ދެއްވާފައެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައިސް ޑރ.ޢަލީ ޝަމީމް ވިދާޅުވީ ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ގޮތެއްގައި ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާނެކަމަށެވެ.

އަދި އެމީހަކު މަސައްކަތްކުރާ އޮފީހަކުން މިގޮތަށް ހަމަޖައްސައިދޭން ޖެހޭކަން ފާހަގަކުރައްވަމުން ސީއެސްސީގެ ރައިސްވަނީ އޮފީހުން މިއިންތިޒާމު ހަމަނުޖެހޭނަމަ ސީއެސްސީއަށް ހުށައެޅުމުގެ ފުރުސަތު އޮތްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

"އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ އުސޫލުގައިވެސް މިފަރާތްތަކަށް ޚާއްސަ ގޮތްތަކެއްވަނީ ހަމަޖައްސަވާފަ. ހަމައެގޮތަށް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއިންވެސް މިފަރާތްތަކަށް ވަނީ ޚާއްސަ އިނާޔަތްތަކެއް ހަމަޖައްސަވާފަ. އެގޮތުން ޢުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނާއި މާބަނޑު މީހުންނާއި ދާއިމަށް ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ޚާއްސަ އިނާޔަތެއްގެ ދަށުން ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް މިހާރުވަނީ ހަމަޖައްސާފައި. އެހެންނަމަވެސް މިބޭފުޅުންގެތެރޭގައިވެސް ސިއްޙަތު ރަނގަޅު ބޭފުޅުންގެ ތެރެއިން މަސައްކަތަށް ނުކުންނަން ބޭނުންފުޅުވާ ފަރާތްތަކަށް އެގޮތަށް އިޚްތިޔާރުކުރުމުގެ ފުރުސަތު އެބައޮތް." ޑރ އަލީ ޝަމީމް ވިދާޅުވިއެވެ.

3 މަސްދުވަހަށްފަހު އޮފީސްތައް ހުޅުވާފައި ވަނީ ކޯވިޑް-19ގެ ސަބަބުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އޮފީސްތަކަށްދާ މީހުންނާއި އެކި ޚިދުމަތް ހޯދުމަށް ސަރުކާރުގެ އެކި މުވައްސަސާތަކަށް ދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

އަލުން ޚިދުމަތް ފަށާއިރު ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ވީހާވެސް މަދު މުއައްޒަފުން ނެރުމަށާއި މާސްކު ބޭނުންކުރުމަށާއި 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް މުއައްޒަފުން އަހުލުވެރިކުރުމަށް ގައިޑްލައިންގައި ވަނީ އެދިފައެވެ
.
ބައްދަލުވުންތައް ބާއްވާނަމަ އޮންލައިން ބައްދަލުވުންތަކަށް އިސްކަން ދިނުމާށާއި އެއްތަނެއްގައި ބައްދަލުކުރާނަމަ 3 ފޫޓުގެ ދުރުމިން ހުންނަގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މިއުސޫލުގައިވަނީ ބަޔާންކޮށްފައެވެ. މި އުސޫލުގައި މަސައްކަތުގެ މާޙައުލުން ބަލީގެ އަލާމާތްހުރި މީހަކު ފެނިއްޖެނަމަ އަދި ބައްޔަށް މީހަކު ޕޮސިޓިވްވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައެވެ. އަދި މަސައްކަތަށް ނުކުންނަ މުއައްޒަފުން ޢަމަލުކުރަންޖެހޭ ގޮތާއި ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތައްވެސްވަނީ ހިމަނާފައެވެ.