ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނީ %11.3- އާއި %26.4- ދެމެދު


ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި 11.3 އިންސައްތައާއި 26.4 އިންސައްތައާ ދެމެދުގެ އަދަދަކުން މިއަހަރު މަޑުޖެހިދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާކުރައްވައިފިއެވެ.

އެމްއެމްއޭއިން ނެރޭ ފުރަތަމަ ކުއާޓަރުގެ "ކުއާޓްލީ އިކޮނޮމިކް ބުލެޓިން"ގައިވާ ގޮތުން ކޯވިޑްއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ އިތުރުން މުޅި ދުނިޔޭގެ އިޤްތިޞާދުވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. މިގޮތުން ޓުއަރިޒަމް ސިނާޢަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށްވާއިރު، ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވަނީ އެ ސިނާއަތަށްކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ފަތުރުވެރިކަން ހުއްޓި، ސަޕްލައި ޗެއިންތައް ހުއްޓުމަކަށް އައުމުން ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، 2 ވަނަ ކުއާޓަރުގައި އިޤްތިޞާދަށް އަންނަ ހީނަރުކަން މާބޮޑުވާނެއެވެ. ނަމަވެސް ކޯވިޑްގެ ހާލަތަށް އަންނަ ބަދަލުތައް އަންދާޒާކުރަން ދަތިކަމުން، ރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެ މިންވަރު އަންދާޒާކުރަން ދަތިކަމަށް ރިޕޯޓުގައިވެއެވެ. އެހެންކަމުން އެކި ޙާލަތްތަކަށް ބެލުމަށްފަހު ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު 11.3 އިންސައްތައާއި 26.4 އިންސައްތައާ ދެމެދުގެ އަދަދަކުން މަޑުޖެހޭނޭކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މިއީ މިއަހަރު ރާއްޖޭގެ އިޤްތިޞާދު 7.7 އިންސައްތައިން ކުރިއަރާނެކަމަށް ކުރިން ލަފާކުރި އަންދާޒާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

އެމްއެމްއޭއިން އަންދާޒާކުރާ ގޮތުން ޖުލައިމަހު ފަތުރުވެރިކަން އަލުން ފަށައި، އޮކްޓޫބަރުމަހުން ފެށިގެން ރަނގަޅަށް ފަތުރުވެރިކަން ކުރިއަށްދާނަމަ އިޤްތިޞާދީ ދުވެލި މަޑުޖެހޭ މިންވަރު ކުޑަވާނެއެވެ. ނަމަވެސް ދަތުރުފަތުރުކުރުން އުނދަގޫވެ، ކޯވިޑް ފެތުރުމުގެ ދެވަނަ ރާޅެއް އަރައިފިނަމަ، އިޤްތިޞާދީ ދުވެލި މަޑުޖެހޭ މިންވަރު ބޮޑުވާނޭކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވާއިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ބުނާގޮތުން މިއަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި 1.9 އިންސައްތަ މަޑުޖެހޭނެކަމަށް ކުރިން ލަފާކުރި ނަމަވެސް، މިހާރު އަންދާޒާކުރާ ގޮތުން 4.9 އިންސައްތަ މަޑުޖެހޭނެއެވެ.

ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އަންނަމުންދާއިރު، އިޤްތިޞާދަށް ލިބޭ ގެއްލުން ކުޑަކުރަން ޤައުމުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖެއިންވެސް މިފަދަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރޭގައި ވިޔަފާރިވެރިންނަށް ލޯނު ދިނުމާއި، ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެލަވަންސްތައް ދިނުން ހިމެނެއެވެ.