މުނިފޫހިފިލުވުން

ސުޝާންތާއި އޭނާގެ ކުރީގެ މެނޭޖަރުގެ މަރާއި އަހަންނާއި އެއްވެސް ގުޅުމެއްނެތް - ސޫރަޖް ޕަންޗޯލީ


ބޮލީވުޑްގެ ޒުވާންތަރި ސުޝާންތު ސިންގް ރާޖުޕުތާއި، އޭނާގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާންގެ މަރާއި ސޫރަޖް ޕަންޗޯލީއާ ގުޅުވައިގެންދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ސުޝާންތާއި ދިޝާގެ މަރުގެ ފަހަތުގައި ވަނީ ސޫރަޖްކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ޝޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ސޫރަޖުގެ ދަރިއަކަށް ދިޝާ ބަލިވެ އިންކަމަށާއި، ސުޝާންތާއި ސޫރަޖާއި ދެމެދު 2017 ވަނަ އަހަރު ބޮޑެތި ދެބަސްވުންތަކެއް ހިނގާފައިވާކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ. އަދި ދިޝާއާއި ސުޝާންތުގެ ކުއްލި މަރުގެ ފަހަތުގައި ސޫރަޖުގެ އަތެއްވާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

މި ވާހަކަތަކާއި ގުޅިގެން ސޫރަޖު ބުނީ، ސުޝާންތާއި އޭނާއާދެމެދު އެއްވެސް ކަމަކާގުޅިގެން ދެބަސްވުންތަކެއް ނުވަތަ އަރާރުންތަކެއް ހިނގާފައިނުވާކަމަށާއި، އެކަންކަމުގެ ތެރެއަށް ސަލްމާން ޚާންވެސް ވަދެފައިވާކަމަށްބުނެ ދައްކަނީ ދޮގު ވާހަކަތަކެއްކަމަށެވެ. އަދި ދިޝާއަކީ އޭނާ ދަންނަ އަދި ދިމާވިވެސް މީހެއްނޫންކަމަށާއި، ދިޝާއަކީ ކާކުކަންވެސް އޭނާއަށް އެނގުނީ ސުޝާންތުގެ މަރަށްފަހުކަމަށެވެ. އަދި އެ ދެމީހުންގެ މަރާއި އޭނާއާއި ގުޅުވައިގެން ފަތުރަމުންދަނީ ފިލްމީ ވާހަކަތަކެއްކަމަށާއި އޭގައި އެއްވެސް ހަޤީޤަތެއް ނެތްކަމަށް ސޫރަޖު ބުނެފައިވެއެވެ.

"އަަހަރެން ދެކެނީ ސުޝާންތަކީ އަހަންނަށްވުރެ ސީނިއަރ އަދި މާ ކާމިޔާބު އެކްޓަރެއްކަމަށް. އަހަންނާއި އޭނައަކާއި އަޅާނުވެސް ކިޔޭނެ. ސުޝާންތަކީ އެއަށްވުރެ ކުޅަދާނަ މީހެއް. އަހަންނެއް އޭނާއަކަށް އެއްވެސްކަމަކާއި ގުޅިގެން ބިރު ދައްކާފައެއްވެސް ނޯންނާނެ. އޭނާވެސް އަހަންނާމެދު ދެކުނީ ކޮއްކޮއެއް ފަދައިން. ވާހަކަދެއްކިޔަސް މުޅިންހެން ދައްކާފައި ހުންނާނީ ފިލްމްތަކާއި ފިޓްނަސް ޓްރެއިނިންގްތަކުގެ ވާހަކަ" ސޫރަޖު ބުނެފައިވެއެވެ.

ސޫރަޖުގެ ދިފާޢުގައި ސަލްމާން ޚާން މަސައްކަތް ކުރާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަށްވެސް ރައްދު ދެމުން ސޫރަޖު ބުނެފައިވަނީ ސަލްމާން ކޮށައިދިނީ އޭނާއަށް ކުރިއަށްދާނެ މަގެއްކަމަށާއި، މިއީ އޭނާގެ އަމިއްލަ ދަތުރެއް ކަމަށެވެ. އަދި ފިލްމީ ދާއިރާގައި އޭނާ ނިންމާ ނިންމުންތަކަކީ ސަލްމާނުގެ ނުފޫޒެއް އޮވެގެން ކުރާ ކަންތައްތަކެއް ނޫންކަމަށްވެސް ސޫރަޖު ބުންޏެވެ.

"ސަލްމާނަކީ އަހަރެންގެ ފުރަތަމަ ފިލްމް ހީރޯގެ ޕްރޮޑިއުސަރު. އެއީ އަހަރެންގެ ފިލްމީ ކެރިއަރުގެ ފެށުން. މިދާއިރާއިން ކުރިއަށްދިއުމަށް އިތުރު މަސައްކަތް ކުރުމަކީ އަހަރެންގެ އަމިއްލަ ޒިންމާއެއް. އަހަންނަކަށް ސަލްމާނަށް ބަރޯސާވެގެން އޭނާއަކީ އަހަރެންގެ ގޯޑް ފާދައެއްކަމަށް ދެކިގެނެއް ނުހުރެވޭނެ. ކުރިއަކަށްވެސް ނުދެވޭނެ. އަދި އެއީކީ ޚުދު ސަލްމާންވެސް ބޭނުންވާނެގޮތެއްނޫން. ކާމިޔާބުވާން ބޭނުންނަމަ އަމިއްލައަށް އެކަން ކުރަންޖެހޭނީ. އެއީ އަހަރެން ދެކޭގޮތް" ސޫރަޖު ބުންޏެވެ.

ސުޝާންތުގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާ މުމްބާއީގެ އިމާރާތެއްގެ 14 ވަނަ ބުރީގައި ހުރި އޭނާގެ ރައްޓެއްސެއްގެ އެޕާޓްމަންޓުގެ ކުޑަދޮރުން ވެއްޓި މަރުވެފައިވަނީ މިދިޔަ ޖޫންމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ޙާދިސާއަށް ހަފްތާއެއްވެސް ނުވަނީސް އުމުރުން 34 އަހަރުގެ ސުޝާންތު އޭނާގެ އަމިއްލަ އެޕާޓްމަންޓުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހުއެވެ. މި ދެ މަރުވެސް މުމްބާއީ ފުލުހުން އަންނަނީ ތަޙުޤީގުކުރަމުންނެވެ.